ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން ގެންދާ ބިދޭސީން ހޯދައި އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ކުރިއަށް ގެންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން، ރާއްޖޭގައި ގަވައިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ ފަސް ތަނެއް ބަލައި ފާސްކޮށް، ދެ ތަނެއް ބަންދުކޮށްފި އެވެ.

ފުލުހުން ބުނީ އެމުއައްސަސާ އާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން އިއްޔެގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައި ޖުމްލަ ފަސް ތަނެއް ބަލައި ފާސްކުރި ކަމަށެވެ.

"ޖުމްލަ ފަސް ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ދެ ތަނަކަށް ނޯޓިސްދިނުމަށްފަހު ވަނީ ބަންދުކޮށްފައި. އަދި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ، ޖުމުލަ ހަތް ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި." ފުލުހުން ބުންޏެވެ.

އެ މަސައްކަތްތަކަކީ މިމުޖުތަމައުގެ ހަމަޖެހުމާއި އަމަން އަމާންކަމާއި އިގްތިސާދީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

14 ނޮވެމްބަރު 2024: މާލެ، ކުއްލި ހާލަތްތަކުގައި ގުޅާނެ ނަމްބަރު، 911 ތައާރަފުކޮށް، ނޭޝަނަލް އެމަޖެންސީ ކޯލް ސެންޓަރުގެ ހިދުމަތްދޭން ފެށުމަށް އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން އިސްކަންދަރު ކޮށީގައި 2025 ޑިސެމްބަރު 18 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިވީ ދެ އަހަރުގެ ތެރޭގައި ޖުމުލަ 9،691 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް ހޯމް މިިނިސްޓަރު އަލީ އިހުސާން ވަނީ ވިދާލުވެފައެވެ.

އިހުސާން ވިދާޅުވީ ބަޔޯމެޓްރިކްސް ދީފައިނުވާ 509 ބިދޭސީއަކު ރާއްޖެއިން ޑީޕޯޓްކޮށްފައިވާ ކަމަށެވެ.