ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސްރީ ލަންކާ އަދި މެލޭޝިއާ ފިޔަވައި އެހެން ގައުމެއްގައި ވޯޓު ފޮށި ނުބަހައްޓަން ނިންމީ ކަނޑައެޅިފައިވާ އަދަދަށް މީހުން ރަޖިސްޓްރީވެފައި ނުވުމުގެ ސަބަބުންކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގައެެވެ. އީސީން އިއްޔެވަނީ އިންތިހާބުގައި ވޯޓުލުމަށް 621 ވޯޓުފޮށި ބަހައްޓަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. އީސީން ބުނެފައިވަނީ ވޯޓުލާން އަތޮޅުތަކުގައި ބަހައްޓާނީ 321 ފޮށި ކަމަށާއި، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެގައި 240 ވޯޓު ފޮށި ބަހައްޓާނެކަމަށް އީސީން ބުނެފައިވެއެވެ.
ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ތިން ފޮށި، ޖަލުތަކުގައި ފަސް ވޯޓު ފޮށި، ރިސޯޓްތަކުގައި 50 ވޯޓު ފޮށި އަދި ރާއްޖެއިން ބޭރުގައި ދެ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް އީސީން ބުންޏެވެ. އީސީން ބުނެފައިވަނީ ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ދެގައުމަކީ މެލޭޝިއާ އަދި ސްރި ލަންކާ ކަމަށެވެ.
އީސީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެ ކޮމިޝަނުން ނިންމާފައިވަނީ އިންތިހާބުގައި ވޯޓުލާން 2،000 މީހުން ރަޖިސްޓަރީކޮށްފި ނަމަ، އެ ގައުމެއްގައި ވޯޓުފޮށި ބަހައްޓާ ގޮތަށް ކަމަށެވެ. ލަންކާ އަދި މެލޭޝިއާ ފިޔަވައި އެހެން ގައުމެއްގައި ދިރިއުޅޭ ދިވެހިން އެ އަދަދަށް ވޯޓު ރަޖިސްޓްރީ ކޮށްފައިނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ވޯޓު ރަޖިސްޓްރީ 2،000 ހަމަވުމުގެ އިތުރުން ކޮންމެ ދާއިރާއަކުން ވޯޓުލެވޭ 40 މީހުން އެ ވޯޓު ފޮށީގައި ރަޖިސްޓަރީ ކުރުމަކީވެސް ޝަރުތެއްކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"އެ ޝަރުތުތަކަށް ފެތުނީ ހަމައެކަނި ލަންކާ، މެލޭޝިއާ، އެހެންވެ އެ ދެ ގައުމުގައި ހަމައެކަނި ވޯޓު ފޮށި ބަހައްޓަން ނިންމީ" އޮފިޝަލް ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަކީ ވަރަށް ބޮޑު ހަރަދެއް ހިންގާ ކަމެއް ކަމަށާއި އެހެންވެ އެކަމަށްވެސް ކޮމިޝަނުން ރިއާޔަތްކޮށްފައިވާނެ ކަމަށެވެ. އަދި ވޯޓުގެ ސިއްރުކަން ކަށަަވަރުކުރެވޭނެ ގޮތްތަކަށްވެސް ރިއާޔަތް ކުރަންޖެހޭކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"ވޯޓުލާން އެންމެ މީހަކު ރަޖިސްޓްރީކޮށްފި ނަމަ، އެ މީހެއްގެ ވޯޓުގެ ސިއްރު އެބަ ގެއްލިގެންދޭ" އޮފިޝަލް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294،937 މީހަކަށް ލިބިގެންވެއެވެ. އީސީން އާންމުކޮށްފައިވާ ލިސްޓުން ދައްކާގޮތުގައި 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
އީސީން މީގެ ކުރީން އާންމުކޮށްފައިވާ އިންތިހާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވާ ގޮތުން ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.
ރަށު ކައުންސިލްތަކުގެ ތެރެއިން 133 ރަށަކަށް އިންތިހާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން ތިން ކައުންސިލަރުންނެވެ. 46 ރަށަކަށް އިންތިހާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި ދެ އަންހެން ކައުންސިލަރުން ހިމެނޭހެން ފަސް ކައުންސިލަރުންނެވެ.
ސިޓީތަކުގައި ދާއިރާތައް ކަނޑައަޅާފައިވާ ގޮތުން ކުޅުދުއްފުށި ސިޓީއަށް މޭޔަރު ހިމެނޭހެން ހަތް ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. ތިނަދޫ ސިޓީއަށް ހަތް ކައުންސިލަރުން، ފުވައްމުލައް ސިޓީއަށް ނުވަ ކައުންސިލަރުން، އައްޑޫ ސިޓީއަށް 11 ކައުންސިލަރުން އަދި މާލެ ސިޓީއަށް 18 ކައުންސިލަރުން އިންތިހާބުކުރާނެއެވެ.
މުހައްމަދު އިޝާން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން