މާލެއަށާއި، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދެވޭނީ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓަަށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި މޫސާ އަލީ ޖަލީލެވެ.

ޕީއެންސީގެ މައި އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރަށް އެންމެ ބޮޑަށް ފަސޭހަވާނީ މާލޭ ސިޓީ ކައުންސިލާ ގުޅިގެން ކަމަށެވެ.

"މި މާލޭގެ ލޮބުވެތި ރައްޔިތުންގެ ކިބައިން އަޅުގަނޑު މި އެދެނީ، އަޅުގަނޑަށް އިތުބާރު ކުރައްވާ އަޅުގަނޑާ އެކީގަ ފުރިހަމައަށް އެއްބާރުލުން ދީގެން މަސައްކަތް ކުރާނެ، އަޅުގަނޑުމެންގެ ޕާޓީގެ މޭޔަރަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓާ، އަޅުގަނޑުގެ ޕާޓީން ކައުންސިލަށް ކުރިމަތިލާފައިވާ ހުރިހާ ކެންޑިޑޭޓުން ހޮވައިދެއްވުމަށް. އަޅުގަނޑު ޔަގީންކުރަން އެގޮތަށް މާލޭގެ ރައްޔިތުން ކަންކޮށްދެއްވާނެކަމަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ އަަމަލީ މަސައްކަތް ފެށުމަށްޓަކައި ޗައިނާއާއެކު މަރުހަލާއަކަށްފަހު މަރުހަލާއެއް ކުރިއަށްދާ ކަމަށެެވެ. ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) މިހާރު ކުރަމުންދާ ކަމަށެވެ.

އެ މަސައްކަތް ހިންގަމުންދާއިރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކައުންސިލުގެ އެއްބާރުލުން މުހިންމުވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެެވެ. މާލޭގައި މީހުން ނުކުމެ އުޅެ، ހިތްފަސޭހަ ކޮށްލުމަށް ޕާކުތަކާއި، މައިޒާންތައް ހެދުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ތަންތަން ހެދުމުގަވެސް ކައުންސިލުގެ އެއްބާރުލުން ބޭނުންވާނެ. އެ ދޭންޖެހޭ ހުއްދަތަށް ދިނުމާ، މިހެން ގޮސް އެތައް ކަމެއް. އެހެންނޫނިއްޔާ އެތަންތަން މިޖެހެނީ ސަރުކާރުގެ ދަަށަށް ގެންނަން. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތައް ގަބޫލުނުކުރާ ނުވަތަ ސަރުކާރަށް އެއްބާރުލުން ނުދޭ ކައުންސިލެއް އައިސްފި ނަމަ، މާލޭގެ ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ސަރުކާރަށް ދަތިވާނެކަމަށް ރައީސް ވިދާޅުވިއެވެ.