ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހައިކޯޓުން ކަނޑައާޅާ ފަނޑިޔާރަކަށް، ފަނޑިޔާރު ހުޒައިފާ މުހައްމަދު ހަމަޖައްސަވައިފިއެވެ.

ހައިކޯޓުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނުގެ ދަށުން ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި 2026 ވަނަ އަހަރު ހައިކޯޓުން ބައިވެރިވެވަޑައިގަންނަވާނީ ފަނޑިޔާރު ހުޒައިފާ ކަމުގައި ހަމަޖައްސައިފައިވާ ކަމަށެވެ.

ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުން ފަނޑިޔާރުންނާއި ގުޅޭ ޝަކުވާގެ މައްސަލަތަކާއި ގުޅިގެން ފަނޑިޔާރުންގެ މައްސަލަތައް އިސްތިއުނާފްކުރުމަށް ހާއްސަ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހެއް ކޮންމެ ޖުޑީޝަލް އަހަރަކަށް ކަނޑައަޅަންޖެހެއެވެ. އަދި އެކަން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އިއުލާން ކުރަންޖެހޭނެކަމަށް ޖޭއެސްސީގެ ގާނޫނުގައިވަނީ ބަޔާންކޮށްފައެވެ.

ހުޒައިފާވަނީ 2005 ވަނަ އަހަރު އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާއިން ބެޗިލާ އޮފް ލޯ ހާސިލުކުރައްވާފައެވެ. އަދި ހުޒައިފާވަނީ 2006 ވަނަ އަހަރު، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާއިން މާސްޓާސް އޮފް ކޮމްޕެރެޓިވް ލޯ ހާސިލް ކުރައްވާފައެވެ.

ފަނޑިޔާރު ހުޒައިފާ، ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމާއި ހަމައަށް ހުންނެވީ ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައެވެ. ފަނޑިޔާރު ހުޒައިފާ ކުރިން ފުރުއްވި މަގާމުތަކުގެ ތެރޭގައި ފެމިލީ ކޯޓާއި ޖުވެނައިލް ކޯޓުގެ ގާޒީކަން ހިމެނެއެވެ.

ފަނޑިޔާރު ހުޒައިފާއަކީ، ރާއްޖޭގައި އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެވުނު އަންހެން ދެ ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރެވެ. ފަނޑިޔާރު ހުޒައިފާ އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެވުނީ 2007 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު އެވެ.

ފަނޑިޔާރު ހުޒައިފާ، ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވައި ކުރެއްވީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 27 ގަ އެވެ.