ރާއްޖެ އާއި އަވައްޓެރި ސްރީ ލަންކާއާ ދެމެދު ގާއިމުކޮށްފައިވާ ބޯޑާ ކޮންޓްރޯލްތައް އުވާލުމަކީ ދެ ގައުމަށް ފައިދާވާނެ ގޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލަންކާ އިން ދިވެހިންނަށް ވިސާ ހޯދުމަށް އުނދަގޫވެފައިވާ ކަމަށް ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު ވިދާޅުވެފައި ވަނިކޮށް، ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ، ދެ ގައުމުގެ ދެމެދު ބޯޑާ ކޮންޓްރޯލް އުވާލުމަކީ، ދެ ގައުމުގެ ރައްޔިތުންނަށް އެތައް ގޮތަކުން ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

އެކަމުގެ ސަބަބުން އިގްތިސޯދީ އަދި އިޖުތިމާއީ ގޮތުން ކުރިއެރުންތައް ލިބޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ވިސާ އާއި ވޯކްޕާމިޓް ފަދަ ކަންކަން އުވާލުމުން ޓޫރިޒަމާއި ވިޔަފާރީގެ އިތުރުން ވަކިވަކި ފަރުދުންގެ ގުޅުން އިތުރަށް ފުޅާވެ، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށެވެ.

ލަންކާ އިން ދިވެހިންނަށް ވިސާ ހޯދުމަށް އުނދަގޫވެފައިވާ މައްސަލަ ފާހަގަ ކުރައްވައި، އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު ވިދާޅުވީ ލަންކާގެ އިމިގްރޭޝަންގެ ދިގު ކިއުގައި ހެނދުނު 9:00 އިން ހަވީރު 5:00 އަށް ދިވެހިން ތިބޭއިރު ވެސް ވަކި ބަޔަކަށް އިސްކަންދީގެން ވިސާ ދޫކުރުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވިސާގެ ކަންކަން ފަސޭހައިން މިހާރު ކުރެވެނީ އޭޖެންޓެއް މެދުވެރިކޮށް ކަމަށެވެ. ތައުލީމު ހާސިލް ކުރުމަށާއި ސިއްހީ ފަރުވާ ހޯދުމަށް ދިވެހިން ކުރިން އެންމެ ގިނައިން ދަތުރުކުރީ ލަންކާ އަށް ނަމަވެސް، މިފަދަ މައްސަލަތަކުގެ ސަބަބުން ދިވެހިން ލަންކާއަށް ދާ ވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.