ރާއްޖެއަށް އެތެރެކުރާ އަދި ވިއްކަ ދުންފަތުގެ ބާވަތްތަކުގައި ސިއްހީ އިންޒާރު ޖަހަންޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހަދައިފިއެވެ.

އެޗްޕީއޭއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖަހަން މަޖުބޫރުވާނީ މިއަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެޗްޕީއޭއިން ބުނީ އޭގެ ކުރިން އެ ގަވައިދަށް އަމަލު ކުރުމުގެ ސުންގަޑި އަކީ މި މަހުގެ 28 ވަނަ ދުވަސް ކަމަށެެވެ.

ސިއްހަތުގެ އިންޒާރު ނުޖަހާ، ކުރިން އެތެރެކޮށްފައިވާ ދުންފަތުގެ ބާވަތްތައް ޖުލައި 27 ގެ ފަހުން ވިއްކުން ހުއްދަ ނުވާނެކަމަށް އެޗްޕީއޭއިން ބުންޏެވެ. އެހެންވެ އިންޒާރު ނުޖަހާ އެތެރެކުރުން މިހާރު ހުއްދަ ނަމަވެސް އެ ސުންގަޑީގެ ނިޔަލަށް އެތަކެތި ވިއްކާ ހަލާސް ކުރަންޖެހޭނެކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ ދުންފަތުގެ އެއް ބްރޭންޑެއްގެ ތަފާތު ފްލޭވާސް ހިމެނޭ ބާވަތްތަކާއި، އަދި އެ ބާވަތެއް ޕެކެޓް ކޮށްފައިވާއިރު ޕެކެޓްގައި ތަކެތި ހުންނަ އަދަދާއި، އެ ބާވަތެއް އުފެއްދި ގައުމަށް ބަލައި، ތަފާތު އައިޓަމެއްގެ ގޮތުގައި މިހާރުގެ ލިސްޓްގައި ހިމަނާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހު އަދާހަމަކުރި ލިސްޓުގައި، ރާއްޖޭގައި އަލަށް ރަޖިސްޓްރީ ކުރާ ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީކޮށް ރެޖިސްޓާޑް ޓޮބޭކޯ ޕްރޮޑަކްޓްސް ލިސްޓް ގައި ހިމަނާއިރު، އެއް ބާވަތެއްގެ އެއް ބްރޭންޑެއްގެ ތަފާތު ފްލޭވަސް އެތެރެ ކުރި ނަމަވެސް ފްލޭވާސް އަށް ބަލައި ވަކިން ރަޖިސްޓްރީ ކުރުން މިހާރު ލާޒިމު ނުވާނެކަމަށް އެޗްޕީއޭއިން ބުންޏެވެ

ތަފާތު ބާވަތެއްގެ ގޮތުގައި ލިސްޓްގައި ހިމަނާއިރު އެއީ ވަކި އައިޓަމެއްގެ ގޮތުގައި ބަލައި ހިމަނާނީ، ދުންފަތުގެ އެ ބާވަތެއް ނިސްބަތްވާ ބާވަތް ނުވަތަ ކެޓަގަރީ (ސްމޯކިން، ސްމޯކްލެސް، ހީޓެޑް ޓޮބޭކޯ، އެހެނިހެން) އާއި، ބްރޭންޑް އަދި އުފެއްދި ގައުމު އެއްގޮތްވާ ނަމަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެއިން އެއްވެސް ބައެއް ތަފާތުވާ ނަމަ، ވަކިން ރަޖިސްޓްރީކޮށް ވަކި އައިޓަމެއްގެ ގޮތުގައި ލިސްޓް ކުރަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ މި ބަދަލާއެކު ދުންފަތުގެ އެއް ބާވަތެއްގެ އެއް ބްރޭންޑަކަށް ނިސްބަތްވާ ތަފާތު ފްލޭވަސް ވަކިން ރަޖިސްޓްރީ ކުރަން ނުޖެހުނު ނަމަވެސް، ތަފާސް ހިސާބުގެ ބޭނުމަށްޓަކައި، ދުންފަތުގެ އެއްވެސް ބާވަތެއް އެތެރެ ކުރާއިރު، އެ ބާވަތަކީ ފްލޭވަސް ހިމެނޭ ބާވަތެއް ނަމަ، ތަކެތި އެތެރެ ކުރާ މަރުހަލާގައި އެ މައުލޫމާތު ހިމެނޭ ލިއެ ކިއުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.