މިއަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294،937 މީހަކަށް ލިބިގެންވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގައެވެ.
އީސީން މިހާރުވަނީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައެވެ. އީސީން އާންމުކޮށްފައިވާ ލިސްޓުން ދައްކާގޮތުގައި 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
ވޯޓާސް ލިސްޓު އީސީގެ ވެބްސައިޓު، ގެޒެޓު އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާގައި އާންމުކޮށް ފެންނަން ހުންނާނެކަމަށް އީސީން ބުންޏެވެ.
ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަނެއް ނުވަތަ ފޮށި ބަލަން ބޭނުންވާ ފަރާތްތަކަށް (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެން ބެލެން ހުންނާނެކަމަށް އީސީން ބުންޏެވެ.
ވޯޓާސް ލިސްޓާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާ ނަމަ، މި މަހުގެ 18ވާ އާދީއްތަ ދުވަހުގެ މެންދުރު 3:00 ގެ ކުރިން އީސީގެ "މައި ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އީސީން ބުންޏެވެ.
ވޯޓާސް ލިސްޓަށް މީހަކު އިތުރުކުރުން ނުވަތަ އުނިކުރުން ނުވަތަ ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެކަމަށް އީސީން ބުންޏެވެ.
ސިޔާސީ ޕާޓީތަކުން ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ނަމަ، ޝަކުވާ ހުށަހަޅާނީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށްކަމަށް އީސީން ބުންޏެވެ.
އީސީން މީގެކުރިން އާންމުކޮށްފައިވާ އިންތިހާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވާ ގޮތުން ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.
އަދި ރަށު ކައުންސިލްތަކުގެ ތެރެއިން 133 ރަށަކަށް އިންތިހާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން ތިން ކައުންސިލަރުންނެވެ. 46 ރަށަކަށް އިންތިހާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި ދެ އަންހެން ކައުންސިލަރުން ހިމެނޭހެން ފަސް ކައުންސިލަރުންނެވެ.
ސިޓީތަކުގައި ދާއިރާތައް ކަނޑައަޅާފައިވާގޮތުން ކުޅުދުއްފުށި ސިޓީއަށް މޭޔަރު ހިމެނޭހެން ހަތް ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. ތިނަދޫ ސިޓީއަށް ހަތް ކައުންސިލަރުން، ފުވައްމުލައް ސިޓީއަށް ނުވަ ކައުންސިލަރުން، އައްޑޫ ސިޓީއަށް 11 ކައުންސިލަރުން އަދި މާލެ ސިޓީއަށް 18 ކައުންސިލަރުން އިންތިހާބުކުރާނެއެވެ.
މުހައްމަދު އިޝާން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން