އެފްރިކާގެ ގައުމުތަކުން ވާދަކުރާ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސް 2026 ގެ ގަދަ 16 ގައި ކުޅުނު މެޗުތަކުން މޮޅުވެ، އަލްޖީރިއާއާއި އެންމެފަހުގެ ޗެމްޕިއަން އައިވޮރީ ކޯސްޓުންވެސް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އަލްޖީރިއާއިން ރޭ ޑީއާރް ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗު، 0-0 އިން އެއްވަރުވެގެން އިތުރު ވަގުތަށް ގޮސްފައިވާ އިރު، އަލްޖީރިއާއިން ގޯލް ޖެހީ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައެވެ.

ފުރަތަމަ ހާފުގައި ނައިޖީރިއާއިން ބޮޑަށް ނުރައްކާ ކުރި ނަމަވެސް، ކޮންގޯއިން ލީޑު ނެގުމާ ގާތަށް ޖެހިލިއެވެ. ސެޑްރިކް ބަކުމްބޫގެ ހަމަލާ އަލްޖީރިއާގެ ކީޕަރު ލޫކާ ޒިދާން މަތަކުރި އިރު، އަލްޖީރިާއަށް އެންމެ ރަނގަޅު ހަމަލާތައް އުފައްދައިދިނީ އިބްރާހީމް މޫސާއެވެ.

ދެވަނަ ހާފުގައިވެސް އަލްޖީރިއާއިން ނުރައްކާ ކުރި އިރު، މުހައްމަދު އަމޫރާ އަދި އަނީސް ހަޖް ޖެހި ބޯޅަތައް ގޯލަށް ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ.

އިތުރު ވަގުތު ނިމެން ދަނިކޮށް، 119 ވަނަ މިނެޓުގައި އަލްޖީރިއާގެ ގޯލް ޖެހީ އާދިލް ބުލްބީނާއެވެ. އެއީ އެރޯން ވެން ބިސާކާ ކައިރިން ނައްޓާލާފައި އޭނާ ޖަހައިދިން ގޯލެކެވެ.

އެންމެފަހުގެ ޗެމްޕިއަން އައިވޮރީ ކޯސްޓުން ރޭ ގަދަ 16 ގައި ބުރްކީނާ ފާސޯ ބަލިކުރީ 3-0 އިންނެވެ. އެމެޗުގައި ގޯލްތައް ޖަހައިދިނީ އަމަޑް ޑިއާލޯއާއި ޔޭން ޑިއޮމާންޑޭ އަދި ބަޒޫމާ ޓޯރޭއެވެ.