އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށްޓަކައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން މިމަހުގެ 21 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ކުރިމަތިލާން ހުޅުވާލާފައިވާ ކަމަށެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުން ކަމަށް އެ އިއުލާނުގައިވެއެވެ.

ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަންކުރާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް:

  • މުސްލިމަކު ކަމުގައިވުން
  • ދިވެހި ރައްޔިތަކު ކަމުގައިވުން
  • އުމުރުން 25 އަހަރު ވެފައިވުން
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
  • ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން
  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، ބާރަ މަސް ދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން
  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، ބާރަ މަސް ދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ފަސް އަހަރު ވެފައިވާ މީހަކު ކަމުގައިވުން
  • ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން

އީސީގައި މިހާރު ތިއްބެވި މެންބަރުންނަކީ:

  • ރައީސް މުހައްމަދު ޒާހިދު
  • ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހު ރަޝީދު
  • ޑރ. މުހައްމަދު ޒާހިރު
  • ހަސަން ޒަކަރިއްޔާ
  • އަބްދުލް ހަސީބް އިސްމާއީލް