ހާފިޒުންގެ ތަމްރީންކުރުމުގެ މަސައްކަތްތަކާއެކު އަންނަ ރަމަޟާންމަހުގެ ކުރިން މިހާރު ރާއްޖޭގައި ތިބި ހާފިޒުންގެ އަދަދު 300 އަށް އަރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މީޑީޔާތަކަށް އިއްޔެ ވިދާޅުވީ މި އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ ކަމަށާއި އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ މި ފަސް އަހަރު ތެރޭ ހާފިޒުންގެ އަދަދު 500 އަަށް އަރުވަން މަސައްކަތްކުރުން ކަމަށެވެ.

"ރާއްޖޭގެ ހާފިޒުންގެ އަދަދު 291 އަށް އަރައިފި. އިންޝާ ﷲ ރޯދަމަސް ކުރިން 300 އަށް އަރާނެ. ރައީސް ވަނީ ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރައްވާފަ. އަދި މި ދިޔަ އަހަރުން ފެށިގެންވަނީ ހާފިޒުން ދަސްވެނިވުމަށް ހާއްސަ ހަފްލާއެއް ބާއްވަން ފަށާފައި." މިނިސްޓަރު ވިދާޅުވިއެވެ.

"މިވަގުތު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1500 އަށް ވުރެ ގިނަ ފަރާތްތަކުން ގުރުއާން ހިތު ދަސްކުރަމުން އެބަގެންދޭ. މިއީ ތާރީހީ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ އަދަދެއް. ރޯދަމަހުގެ ކުރިން ރާއްޖޭގައި ތިބި ހާފިޒުންގެ އަދަދު 300 އަށް އަރާނެ." ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

ކީރިތި ގުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ހާފިޒުންނަށް ސަރުކާރުން ދޭ އެލަވަންސް 2000 ރުފިޔާއިން 4000 ރުފިޔާއަށް ބޮޑުކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފައިވަނީ 2025 ޖޫން 24 ގައެވެ.

ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ، ހާފިޒުން ތަމްރީނުކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަކީ ކީރިތި ގުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގައި ނުހަނު މުހިންމު ކަމެއް ކަމަށެވެ.

2025 މާޗް 27 ގެ ނިޔަލަށް ސަނަދު ހާސިލުކޮށް ދަސްވެނިވި 24 ހާފިޒުންގެ ތެރެއިން 22 ހާފިޒުންނަކީ އުމުރުން 18 އަހަރުން ދަށުގެ ހާފިޒުންނެވެ. އޭގެ ތެރެއިން ގިނަ ހާފިޒުންނަކީ 2025ގެ ރަމަޟާން މަހުގައި އެކި މިސްކިތްތަކުގެ ތަރާވީސް ނަމާދުގެ އިމާމުންނެވެ.