މިއަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުން ފޯމު ހުށަހަޅަންޖެހޭ ޕޯޓަލް، އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުޅުވާލައިފިއެވެ.
އީސީން މިއަދު ބުނީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ޕޯޓަލް މެދުވެރިކޮށް، މައުލޫމާތު ފުރިހަމަކޮށް ލިޔެކިޔުންތައް އަޕްލޯޑުކުރުމަށްފަހު، ފައިސާ ދެއްކެން ހުންނާނެ ކަމަށެވެ.
ޕޯޓަލް ހުޅުވާލިނަމަވެސް، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފޯމުލެވޭނީ އިންތިހާބަށް ރަސްމީކޮށް އިއުލާނުކުރުމުންކަމަށް އީސީން ބުންޏެވެ.
ދުރާލާ ޕޯޓަލް ހުޅުވުމުގެ ބޭނުމަކީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދީ ތައްޔާރީތައް ފުރިހަމަކުރުމަށް ފަސޭހަކޮށްދިނުންކަމަށް އީސީން ބުންޏެވެ.
އީސީން ބުނީ އަމިއްލަ ގޮތުން އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން މަދުވެގެން 50 މީހުންގެ ތާއީދު ހޯދަން ޖެހޭނެ ކަމަށާއި، އެ 50 މީހުންގެ ތާއީދު ހޯދަންވާނީ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އީސީން ބުނީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓަކަށް ތާއީދު ދޭން ބޭނުން ނަމަ، ނުވަތަ ނޫން ނަމަ، ދާއިރާގެ ރައްޔިތުން ޕޯޓަލަށް ވަދެ، ތާއީދު ދިނުމަށް ނުވަތަ ނުދިނުމަށް ކަނޑައެޅެން ހުންނާނެ ކަމަށެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތްތަކުން 50 މީހުންގެ ތާއީދު ހޯދާކަށް ނުޖެހޭނެކަމަށް އީސީން ބުންޏެވެ.
މުހައްމަދު އިޝާން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން