ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއަށް ހިޔާނާތްތެރިވެ، އަމިން އެވެނިއު އިން ޕެންޓްހައުސްއެއް ގަތް މައްސަލައިގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމްކުރީ ގާނޫނާހިލާފަށްކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އަމީން ކޮންސްޓްރަކްޝަން ހިމެނޭ މުއާމަލާތާ ގުޅިގެން ބައްސާމުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.
"އެހެންކަމުން، ހަމަ މި މުއާމަލާތާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި ދައުވާ ސާބިތުނުވާކަމަށް އެކޯޓުން ހުކުމްކޮށްފައިވަނީ ޝަރުއީ އަދީ ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށް މި އޮފީހަށް ބެލެވެއެވެ. އެހެންކަމުން އަމީން ކޮންސްޓްރަކްޝަންގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މި އޮފީހުން ގަސްދުކުރަމެވެ" ޕީޖީ އޮފީހުން ބުންޏެވެ.
ނަމަވެސް، އެކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ލިބިގެންކަމަށްވާތީ، އެ ިރިޕޯޓް ލިބުމުން އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ މަނީ ލޯންޑަރިންނަށް އެހީވެދިނުމުގެ ކުށުގެ ދައުވާ އެވެ.
އަމީން ކޮންސްޓްރަކްޝަންގެ އިތުރުން އެ މައްސަލައިގައި ދެން ދައުވާކޮށްފައިވަނީ އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ކުރިން ހުރި ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ މަނީ ލޯންޑަރިންއަށް އެހީވެދިނުމުގެ ކުށުގެ ދައުވާއެވެ. ދެން މަނީ ލޯންޑަރިންނަށް އެހީވެދިނުމުގެ ދައުވާކުރަނީ ހަސަން ވަހީދު ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހް ވަނީ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުވާ ސާބިތުނުވާކަމަށް ނިންމަވައިފަ އެވެ.
ގާޒީ ވިދާޅުވީ އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު، ރުފިޔާއަށް މާރުކުރަން އަމިންއަށް ޖަމާކޮށްފައިވާ ކަމަށާއި އެ ޑޮލަރަށްވާ ފައިސާ، ނަގުދު ފައިސާގެ ގޮތުގައި ހަސަން ވަހީދާ ހަވާލުކޮށްފައިވާ ކަން ސާބިތުވާ ކަމަށެވެ. އެ ފައިސާ އެފްއޭއެމްއާ ހަވާލުކުރި ކަން އަންގައިދޭން އަމިންއިން ކޭޝް ވައުޗާތަކެއް ތައްޔާރުކުރި ކަމަށް ދައުލަތުން ބުނި ނަމަވެސް، އެ ފައިސާ އެފްއޭއެމްގެ އެއްވެސް އެކައުންޓަކަށް ޖަމާވެފައެއް ނުވެ އެވެ.
އެފްއޭއެމްގެ ޑޮލަރު އަމިން ކުންފުންޏަށް ޖަމާވި ކަމަށް އެ ކުންފުނިން އިންކާރު ނުކުރާއިރު، އެ ކުންފުނިން އިންކާރު ކުރަނީ އެ ފައިސާ އެފްއޭއެމްއަށް ހަވާލު ނުކުރާ ކަމާއި އެ ފައިސާއިން ބައްސާމްގެ އެޕާޓްމެންޓަށް ފައިސާ ދައްކާފައިވާ ކަމެވެ.
އެ މައްސަލައިގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޝަރީއަތުން ނިންމި ނަމަވެސް ބައްސާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައިވެ އެވެ. ގާޒީ ވިދާޅުވީ އެފްއޭއެމަށް ލިބުނު ފައިސާ އެ ތަނަށް ނުވައްދައި، އެހާ ވަރުގެ ފައިސާ އިން ބައްސާމް ޕެންޓްހައުސް ގަނެފައިވާ ކަން ސާބިތުވާ ކަމަށެވެ.
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް