މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސެކިއުރިޓީ ކޮމާންޑަރަަކަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އައްޔަން ކުރައްވައިފިއެވެ.

ފުލުހުން މިއަދު ބުނީ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހިންގުމަށް ހަމަޖެފައިވާ އޮޕަރޭޝަންގެ ކޮމާންޑަރުން ކަނޑައަޅައިފައިވާ ކަމަށެވެ.

ކޮމިޝަނާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި، އެ ކޮމާންޑަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ.

އެ ބައްދަލުވުމުގައި، އިންތިހާބުގެ އެންމެހައި ކަންކަން އަމާންކަމާ އެކު ކުރިއަށް ގެންދިއުމަށާއި ހުރިހާ ރައްޔިތުންނަށް ވެސް ރައްކާތެރި އަމާން މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރުމަށް ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރި ކަމަށް ފުލުހުން ބުންޏެވެ.

ޑެޕިއުޓީ ކޮމާންޑަރަކަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު އައްޔަނުކުރައްވާފައިވާ އިރު، ޗީފް ޓެކްނޮލޮޖީ އޮފިސަރަކަށް އައްޔަނުކުރައްވާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އާތިފްއެވެ. އަދި ޓެކްޓިކަލް ކޮމާންޑަރަކަށް އައްޔަނުކުރައްވާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބުދުލްމަތީން އަބުދުލްކަރީމްއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އެޕްރީލް މަހުގެ ހަތަރެއްވާ ހޮނިހިރު ދުވަހު އެވެ.