އަނބިމީހާއަށް ވަޅިން ބިރުދައްކައި މަރާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދު ދަށު ކޯޓުން މުރާޖައާ ކުރީ ގޯސްކަަމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.
މިއީ އަނބިމީހާއަށް ވަޅިން ބިރުދައްކައި މަރާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން އަހްމަދު ހަފީޒު ކިޔާ މީހަކު އެ ހާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓް ކޯޓު އަމުރެއްގެ ދަށުން އަށެއް އެޕްރީލް 2024 ހައްޔަރުކޮށް އެ މައްސަލައިގެ ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން ނުވަތަ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ބަންދުކުރަން އަމުރުކުރި މައްސަލައެކެވެ.
އޭނާ އެ މުއްދަތަށް ބަނަދުކުރަން އަމުރުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުމާއި ހެކިބަސް ދޭންހުރި ފަރާތްތަކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ ކަމަށް ބުނެއެވެ.
ހަފީޒުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް ކޮށްފައިވާ ދައުވާތައް:
- ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވު މުގެ ދައުވާ
- އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ
- ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ކުށުގެ ދައުވާ
ނަމަވެސް ހަފީޒު ބަންދުކުރުމަށް ދަށު ކޯޓުން ނެރެފައިވާ އަމުރުގައި ބަޔާންކޮށްފައިވާ ހާލަތު ބަދަލުވެއްޖެ ކަމަށް ބުނެ ބަންދު މުރާޖައާ ކޮށްދިނުމަށް ހަފީޒުގެ ފަރާތުން ކޯޓުގައި އެދުނެވެ.
ނަމަވެސް އޭނާ ބަންދުން ދޫކޮށް ނުކުރުމުން ދަށު ކޯޓުން އޭނާގެ ބަންދު މުރާޖައާކޮށްފައި ވަނީ ގޯސްކޮށް ކަމަށް ބުނެ ދަށު ކޯޓުގެ ނިންމުން ބާތިލްކޮށް ދިނުމަށް އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ.
މައްސަލައިގައި ބަލަންޖެހޭ ކަންތަކަށް ބެލުމަށްފަހު، ހައިކޯޓުން ހުކުމް ކުރީ، މި މައްސަލައިގައި ދަށުކޯޓުން އޭނާގެ ބަންދު މުރާޖައާކޮށް ނިންމި ނިންމުން ބާތިލު ކަމަށެވެ.
ނަމަވެސް ހައިކޯޓުގެ ނިންމުން ގާނޫނީ އުސޫލުތަކާ ހިލާފު ކަމަށް ބުނެ ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރީ، ދަށުކޯޓުން އޭނާގެ ބަންދު މުރާޖައާ ކޮށްފައިވަނީ ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން ދަށުކޯޓުގެ އެ ނިންމުން ހައިކޯޓުން ބާތިލު ކޮށްފައިވާތީ، ހައިކޯޓުގެ ނިންމުން ބާތިލު ކަމަށެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ކާބޯތަކެތި
އެމެރިކާ
ބޮލީވުޑް