ހަދަމުންދިޔަ އިމާރާތެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އާއިލާއަކަށް ވަގުތީ އެހީ ފޯރުކޮށްދީފިއެވެ.

ރޭ 11:22 އެހާކަންހާއިރު އަލިފާން ރޯވީ ސައިރިކްސް ކޮލެޖު ކައިރިން ހަދަމުންދިޔަ އިމާރާތެއްގައެވެ. ބައިގަޑިއެއްހާއިރު ތެރޭގައި އަލިފާން ވަނީ ނިންވާލައިފައެވެ.

އެންޑީއެމްއޭއިން ބުނީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ، އަލިފާން ރޯވި އިމާރާތާ އިންވެގެން ހުރި ގޭގެ އެޕާޓްމަންޓެއްގެ ފެން ހޮޅިއަކަށް ގެއްލުންވެގެން އެ ގެއިން ފެނުގެ ހިދުމަތް ކެނޑިފައިވާތީ ކަމަށެވެ.

އެގޮތުން އެ އެޕާޓްމަންޓްގައި ދިރިއުޅެމުންދިޔަ ދެ މީހުންނަށް ރެއިން ފެށިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ފެނުގެ ނިޒާމަށް ލިބުނު ގެއްލުން ދެނެގަނެ އެކަން ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށްވެސް އަދި އިތުރު ބޮޑު ގެއްލުމެއްވެސް ނުވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.