ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް)ގެ ރައީސްކަމުގެ މަގާމަށް ޑރ. އާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
އޭނާ އެ ކަމާގަށް އައްޔަންކުރަން މަޖިލީހުން ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމާ ގުޅިގެން އެ މައްސަލަ ދިރާސާކުރުމަށް ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް އިއްޔެ މަޖިލިސް ތަޅުމުން ފޮނުވިއެވެ. އަދި ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ރަމީލާއަށް މަޖިލީހުން ރުހުންދޭން ފެނަން ކަމަށް ފާސްކޮށް ކޮމިޓީ ރިޕޯޓް އިއްޔެ މަޖިލިސް ތަޅުމަށް ފޮނުވިއެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ދެވަނަ ޖަލްސާގައި ރަމީލާއަށް ރުހުން ދޭން މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 39 މެންބަރުންގެ ތެރެއިން 38 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ރަމީލާ އައްޔަންކުރަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އޭނާ އައްޔަން ކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ ތިންވަނަ ދުވަހުއެވެ.
ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަަމަށް އައްޔަންކުރެއްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މަރިޔަމް މުނާގެ މަގާމުގެ މުއްދަތު ހަމަވުމުންނެވެ. މުނާގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާއެކު އެޗްއާރުސީއެމްގެ ރައީސްގެ މަގާމުވެސް މިހާރު އޮތީ ހުސްކޮށެވެ. އެ މަގާމަށް ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރަކު އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.
ޑރ. ރަމީލާއަކީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް މި ސަރުކާރުން އައްޔަންކުރެއްވި ފުރަތަމަ މިނިސްޓަރެވެ. ނަމަވެސް ސިއްހީ ހާލު ހުރިގޮތުން މިނިސްޓަރުކަމުން އިސްތިއުފާދެއްވީ، އެކެއް ޑިސެންބަރު 2024 ގައެވެ.
އެޗްއާރުސީއެމްގައި ފަސް މެންބަރުން ތިއްބަވައެެވެ. އެއީ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޝަފީގް މަހްމޫދާއި، މެންބަރު ސަމާއު އަހްމަދު ނަޖީބާއި، އިސްމާއިލް ހަބީބާއި އަހްމަދު މަގުސޫމްގެ އިތުރުން ޑރ. އާއިޝަތު ރަމީލާއެވެ.
އިބްރާހިމް ޒަކީ
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި