އެފްރިކާގެ ގައުމުތަކުން ވާދަކުރާ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސް 2026 ގެ ގަދަ 16 ގައި ކުޅުނު މެޗުތަކުން މޮޅުވެ، މިސްރާއި ނައިޖީރިއާވެސް ކުއާޓާ ފައިނަލް ޔަގީން ކޮށްފިއެވެ.
މޮރޮކޯގައި ކުރިއަށްދާ މުބާރާތުގެ ގަދަ 16 ގެ މެޗުތައް ކުރިއަށްދާ އިރު، ރޭ މިސްރުން ބެނިން ކައިރިން ސަލާމަތްވީ އިތުރު ވަގުތަށް ގޮސްގެންނެވެ. މިސްރުން 3-1 އިން މެޗު ކާމިޔާބުކުރި އިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގައި މިސްރުގެ ފުރަތަމަ ގޯލް، މަރްވާން އަތޭޔާ ޖަހައިދިން އިރު، ބެނިންއަށް އެއްވަރު ކޮށްދިނީ ޖޮޑެލް ޑޮސޫއެވެ.
އިތުރު ވަގުތުގައި މިސްރަށް ގޯލްތައް ޖަހައިދިނީ ޔާސެރް އިބްރާހީމާއި މުހައްމަދު ސަލާހެވެ.
މެޗަށްފަހު ސަލާހް ބުނީ "މިސްރަކީ ފެވަރިޓެއް ކަމަށް އެއްވެސް ވަރަކަށް ގަބޫލުނުކުރާ،" ކަމަށެވެ. ސަލާހް ބުނީ މިހާރު އޮތީ ޒުވާން ޓީމެއް ކަމަށާއި، ޓީމުގެ ގިނަ ކުޅުންތެރިން ކުޅެނީ މިސްރު ލީގުގައި ކަމަށާއި، އެއީ ތަޖުރިބާ މަދުވާނެ ސަބަބެއް ކަމަށެވެ.
އޭގެ އިތުރުން ސަލާހް ބުނީ މިހާރު އެފްކޯންގައި ތަފާތު ނަތީޖާއެއް ނުފެންނަ ސަބަބަކީ ވާދަވެރިކަން ބޮޑުވުން ކަމަށާއި، ބެނިންއަކީވެސް މޮޅު ޓީމެއް ކަމަށެވެ.
ނައިޖީރިއާ ކުއާޓާ ޔަގީންކުރީ މޮޒަމްބީގު ކައިރިން 4-0 އިން މޮޅުވެގެންނެވެ. ފޯމުގައި އޮތް ނައިޖީރިއާގެ ގޯލްތައް ޖެހީ އަޑެމޯލާ ލުކްމަންއާއި ވިކްޓޯ އޮސިމެން އަދި އަކޯ އެޑަމްސްއެވެ. އޮސިމެން ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.
އެފްކޯންގެ ގަދަ 16 ގައި މިރޭ އަލްޖީރިއާއި ކޮންގޯއާ ދެކޮޅަށް ނުކުންނަ އިރު، ޗެމްޕިއަން އައިވޮރީ ކޯސްޓް ވާދަކުރާނީ ބުރްކީނޯ ފާސޯއާ ދެކޮޅަށެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން