ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ އެއްގޮތަށް، ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރަން ބާއްވާ ރިޔާސީ އިންތިހާބާ އެކު، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަކީ 80 މިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓަށް ސަލާމަތް ކުރެވޭނެ ކަމެއް ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އަހްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވާގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން ފަލާހު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާތަނަށް ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި މަޖިލިސް އިންތިހާބު ބާއްވަން، 60 މިލިޔަން ރުފިޔާ އާއި 80 މިލިޔަން ފުރިޔާއާ ދެމެދުގެ އަދަދެއް ހަރަދުވާ ކަމަށެވެ.

މި އިސްލާހާ އެއްކޮޅަށާއި ދެކޮޅަށް ސިޔާސީ ފަރާތްތަކުން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންދާކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ، އަމިއްލަ ނަފްސާ މެދު ދެކޭ މެންބަރުން މިއީ ރަގަޅު އިސްލާހެއް ނޫން ކަަމަށް ދެކުނު ނަމަވެސް ގައުމާ މެދު ވިސްނާ މެންބަރުން ފާހަގަ ކުރާނީ މިއީ ރަނގަޅު އިސްލާހެއްގެ ގޮތުގައި ކަމަށެވެ.

މި އިސްލާހުގެ ސަބަބުން މިހާރު އޮތް މަޖިލީހަށް ހަ މަސް ދުވަސް އުނިވެގެންދާނެ ކަަމަށާއި ކޮންމެ މެންބަރަކަށް ހަތަރު ލައްކައަަށްވުރެ ގިނަ ފައިސާ މަދުވެގެންދާ އިރު، މި އިސްލާހަށް ތާއީދުކޮށް މި ނިންމުން ނިންމަވާ މެންބަރުން އެ ވެ ވަަޑައިގަންނަަވަނީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

މި ބިލްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް މީހުން ހޮވުމަށް ބާއްވަންޖެހޭ އިންތިހާބު ބާއްވާނީ، ގާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާ އެކު ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށާއި އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމަށް ކަނޑަަޅަން ވެސް ވަނީ ހުށަހަޅައިފައެވެ.

އެގޮތުން މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވާލުމާއެކު، އަލަށް އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށް ކަނޑައަޅަން ވެސް ވަނީ ހުށަހަޅައިފައެވެ.

މި އިސްލާހު ގާނޫނުއަސާސީއަށް ގެނެސްފިނަމަ މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވެ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަަނަ ދުވަހަށް 20 ވަނަ މަޖިލީހުގެ ދައުރު ހަމަވާނެއެވެ.

މިހާރު ގާނޫނު އަސާސީގައި އޮންނަ ގޮތުން މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ވަނަ އަހަރުގައެވެ.