މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް އިގްތިސޯދުގައި ދައުރުވާ ފައިސާގެ އަދަދު 66.3 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ކުއާޓަލީ ރިޕޯޓުގައިވާ ގޮތުން އިގްތިސޯދުގައި ދައުރުވާ ފައިސާ އަދަދުވަނީ 17 ޕަސަންޓަށް އިތުރުވެފައެވެ. ރިޕޯޓުގައިވާ ގޮތުން އިގްތިސޯދުގައި ދައުރުވާ ފައިސާ އިތުރުވާން މެދުވެރި ސަބަބަކީ ނެޓް ޑޮމެސްޓިކް އެސެޓް އަދި ނެޓް ފޮރިން އެސެޓު އިތުރުވުމެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ނެޓް ޑޮމެސްޓިކް އެސެޓު އިތުރުވެފައިވަނީ 11 ޕަސެންޓަށެވެ. ނެޓް ޑޮމެސްޓިކް އެސެޓް އިތުރުވި ސަބަބެއްކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ސަރުކާރުގެ ޓީބިލްގައި އިންވެސްޓްކުރި އަދަދު 22 ޕަސެންޓަށް އިތުރުވުމާއި، ޕްރައިވެޓް ސެކްޓަރަށް ލޯނުގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދު ހަ ޕަސެންޓަށް އިތުރުވުމެވެ. އެ މުއްދަތުގައި ބޭންކުތަކަށް ޑިޕޮސިޓްކުރި ފައިސާގެ އަދަދުވެސްވަނީ އިތުރުވެފައިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެމްއެމްއޭއިންވަނީ އިގްތިސޯދުގައި ދައުރުވާ ފައިސާގެ އަދަދު ހިފެހެއްޓުމުގެ ބޭނުމުގައި މިދިޔަ އަހަރުގެ އޮގަސްޓުގައި މަހުގެ ތެރޭގައި، އޯޕަން މާކެޓް އޮޕަރޭޝަން (އޯއެމްއޯ) ފަށައިފައެވެ.

އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި އެ އޯއެމްއޯގެ ތެރެއިން 2.1 ބިލިއަން ރުފިޔާ އިގްތިސޯދު ތެރެއިން ނަގާފައިވެއެވެ.