ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ގަވައިދާ ހިލާފަށް ބަނގުރަލުގެ ވަގު ވިޔަފާރި ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.

ފާއިތުވި 2025ގެ ޑިސެމްބަރު 31 ވަަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ ސަފާރީ ބަލައި ފާސްކުރިއިރު 102 ފުޅި ބަނގުރާ އަދި 218 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޝޭކަރު ހޮސައިން، އިންޑިއާ (34އ) އާއި ރަސެލް މިއާ، ބަންގްލަދޭޝް (35އ) އާއި ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރަ، ސްރީލަންކާ (27އ) އާއި ތަރަކަ ސަމަން ކުމާރަ ދޭވަ، ސްރީލަންކާ (35އ) އަދި ހ. ބިންމަތީއާގެ / މާލެ، މުހައްމަދު މަނިކު (52އ) ކަމަށް ފުލުހުން ބުނެއެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝޭކަރު ހޮސައިން އާއި ރަސެލް މިއާ ފަސްދުވަހަށް، ޕުބުދު އަސެލަ އާއި ތަރަކާ ސަމަން ހަތްދުވަހަށް އަދި މުހައްމަދު މަނިކު ތިންދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.