ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)އިން އިއުލާންކޮށްފި އެވެ.
އެމްޕީއެލްއިން މިދިޔަ ބުދަ ދުވަހުކުރި އެ އިއުލާނުގައި ބުނީ އުލިގަމުގައި މެރިނާ ޕްރޮޖެކްޓުގެ މަގުސަދަކީ ޒަމާނީ އުޅަނދު ބަނދަރުކުރުމާއި މެރީނާގައި ތިބެގެން ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި އެއީ ފަތުރުވެރިކަން ކުރިއެރުވުމަށާއި އިގްތިސޯދީ ކުރިއެރުވުން ކަމަށް އެމްޕީއެލްއިން ބުންޏެވެ. މީގެ އިތުރުން އުލިގަމް މެރީނާ ޕްރޮޖެކްޓުގެ މަގްސަދަކީ ރާއްޖެއަކީ ޔޮޓްތަކަށް ޕްރިމިއަމް ޑެސްޓިނޭޝަނަކަށް ހެދުން ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އިއުލާނުގައި ބުނީ އުލިގަމުގައި ޔޮޓް މެރިނާއެއް ހަދާ ފަރާތުން އެ ތަނުގައި ކްރޫޒް ޓާމިނަލެއް، ވެސަލް ޑޮކިން ފެސިލިޓީ، އުލިގަން ޕޯޓް ފެސިލިޓީ، ސިޓީ ހޮޓަލެއް އަދި ކެފޭތަކާއި ރެސްޓޯރެންޓުތައް ވެސް ތަރައްގީކުރަން ޖެހޭނެ ކަމަށެވެ.
އެހެންކަމުން އެ މަސައްކަތްތަކައް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ 16:00 ގެ ކުރިން [email protected] މެދުވެރިކޮށް ޕްރޮޕޯޒަލް ހުށަހަޅަންޖެހޭނެ ކަމަށެވެ.
އުލިގަމުގައި ޔޮޓް މެރީނާއެއް ހެދުމަށް އެމްޕީއެލްއިން ވަނީ އެ ރަށު ކައުންސިލާއެކު ސޮއިކޮށްފަ އެވެ. އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ވަޖީހު އިބްރާހީމެވެ. އުލިގަމު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަހުމަދު މުއާޒް މުހައްމަދެވެ.
އެމްޕީއެލް އިން ބުނެފައިވަނީ އެ އެއްބަސްވުމުގެ ދަށުން އުލިގަމުގައި ޔޮޓް މެރިނާއެއް ތަރައްގީކުރުމުގެ އިތުރުން، ޔޮޓްތަކަށް ބޭނުންވާ ހިދުމަތްތައް އުލިގަމުން ފޯރުކޮށްދޭން ބޭނުންވާ ވަސީލަތްތައް ގާއިމުކުރާނެ ކަމަށެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވެފައިވަނީ އުލިގަމުގައި ޔޮޓް މެރީނާ ގާއިމުކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށައި ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ފުރިހަމަކޮށް، ހިދުމަތް ފޯރުކޮށްދޭން ފެށޭނެ ކަމަށެވެ. އަދި މިހާރު ކޮންސެޕްޓްވެސް ހަދައި، އިންވެސްޓަރުންނާ މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް އެއީ ރާއްޖޭގައި މެރިޓައިމް ސެކްޓާ ވަރަށް ބޮޑަށް ފުޅާކުކުރުން. އުލިގަމަކީ ޒަމާނުންސުރެ، އާދަޔާ ހިލާފަށް ގިނަ ޔޮޓް ފަހަރު ޒިޔާރާތްކުރާ ރަށެއް. ރަށުގެ ރައްޔިތުންނާ ކައުންސިލުގެ ބޮޑު ކަންބޮޑުވުމެއް މި އުޅަނދު ފަހަރަށް ބޭނުންވާ ހިދުމަތްތައް މި ރަށުން ފޯރުނުކޮށްދެވޭތީ،" ވަޖީހު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައިވަނީ އިހަވަންދިއްޕޮޅުގައި ފެށުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ބަންކަރިން ސާވިސްއާއި މެރިޓައިމްގެ ހިދުމަތްތަކަށް ބޭނުންވާ އޮފީސްތައް ހެދުމުގެ މަސައްކަތްވެސް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ. އެ ހިދުމަތުންވެސް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި