ގެސްޓަކު ނެތް ސަފާރީތަކުން ވެސް ރާ އަރުވައި ރަށްތަކަށް ވިއްކަން ދޫކުރާ ކަމަށާއި އެކަމަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ އުސޫލަކީ ސަފާރީތަކުން ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސް އިން ރާ ނަގައިގެން، ރަލުގެ ވިޔަފާރި ހިންގަން ކަނޑައެޅިފައިވާ ޓޫރިޒަމް ވިޔަފާރީގެ ތެރޭގައި އެކަން ކުރުން ކަމަށާއި ނަމަވެސް އެ އުސޫލާ ހިލާފުވާތަން ފެންނަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ ބޭރުގެ އެކިއެކި ނަންނަމުގައި ގެނެސްފައި ހުންނަ ސަފާރީ އުޅަނދުފަހަރުތަކުގައި އެއްވެސް ގެސްޓަކު މިއިން ދުވަހެއްގައި ނެތި، ބަރާބަރަށް ރާ އަރުވައި އެތަކެތި ކޮންމެވެސް ދިމާއަކަށް ވިއްކަމުންދާކަން. ސްޓެޓިސްޓިކްސްއަށް ބަލާފައި މިހާރު ކަސްޓަމްސް އިން އެ ހިންގާ އޮޕަރޭޝަނަކީ ކަސްޓަމަށް ރާ ނަގަން އަންނަ އުޅަނދެއް ވެއްޖެއްޔާ އެ އެއްޗެއްގައި ކިހާ އަދަދެއްގެ މީހުން ތިބެފައިތޯ އެ ދިޔައީ، އެއެއްވެސް ބަލާނެ އަޅުގަނޑުމެން،" މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ރާ ދޫކުރާ މުއްދަތުގެ ތެރޭގައި އެ އުޅަނދުން ރާ ބޭނުންކުރަމުންދަނީ ހުއްދަދެވިފައިވާ އަދަދެއްގެ މީހުންތޯ ބަލާނެ ކަމަށާއި އެއާ ހިލާފަށް އަމަލުކުރަމުންދާ އުޅަނދުތަކަށް ރާ ދޫކުރުން ހުއްޓާލެވޭނެ ކަމަށެވެ. އަދި ރާއްޖޭގައި އެގޮތަށް އެކަން ކުރަމުންދާ ފަރާތްތައް އެކަން ހުއްޓާލުމަށް ވެސް މިނިސްޓަރު ގޮވައިލެއްވިއެވެ.
"ދެން އަޅުގަނޑުމެން މި ފުރުސަތެއް މިގޮތަށް ރާއްޖޭގައި މިކަން ކުރުމަކަށް ނުދޭނަން. އަދި މިކަން ކުރަމުންދާ ފަރާތްތަކާ ދޭތެރޭގައި ގާނޫނުގައި އެޅޭ އެންމެ ހަރުކަށި ފިޔަވަޅު އަޅުގަނޑުމެން އަޅާނަން. ރާ ގިނަފަހަރަށް މި ފެންނަނީ ނަގައިގެން ގޮސް، އެކި އެވެނިއުސްތަކުން ރާއްޖޭގެ އެކި ރަށްތަކަށް ބާލާ މަންޒަރު. ބާލައިގެން ރާއްޖޭގެ އެތެރޭގައި ދިވެހިން ވެސް ހިމެނޭހެން، ހުއްދަނޫން ގޮތުގައި ރަލުގެ ވިޔަފާރި ހިންގާކަން. އެހެންވީމާ މިކަން މިގޮތަށް ކުރިއަށްދާކަން މިހާރު އަޅުގަނޑުމެންނަށް ސާބިތުވެފައި މިވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ ކަސްޓަމްސް އާއި ފުލުހުންގެ އިދާރާ އިން އެކަންކަން ބަލައި ހުއްޓުވާނެ ކަމަށާއި އުސޫލާ ހިލާފުވެގެން އެ ސަފާރީ އުޅަނދެއްގެ ހުއްދަ ހިފެހެއްޓޭ ހިސާބުން އަލުން ހުއްދަދޭން އެދުނަސް އެކަން ބަލައިނުގަންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު