ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒް ލައިނާތަކަށް ހާއްސަ ބަނދަރުތަކެއް ތަރައްގީކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިނިސްޓަރު ފައިސަލް ރޭ ވިދާޅުވީ، މިދިޔަ އަހަރާއި އަހަރުގެ މިހާތަނަށް 600 އަށްވުރެ ގިނަ ފަތުރުވެރިން ކުރޫޒް ލައިނާތަކުގައި ރާއްޖެއަށް އައިސްފައިވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން ހަދާފައި އޮތް ގަވައިދެއްގެ ސަބަބުން ކުރޫޒުލައިނާ ތަކަށް ރާއްޖެ އައުމުގައި ދަތިތަކެއް ހުރި ކަމަށާއި ނަމަވެސް އެ ދަތިތަކަށް މި ސަރުކާރުން ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެ އަންނަ ކްރޫޒުލައިނާތައް އިތުރުކުރުމަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒުލައިނާތަކަށް ހާއްސަ ބަނދަރުތަކެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އައްޑޫ ކަހަލަ ލާމު އަތޮޅު ކަހަލަ ތިން ސަރަހައްދެއްގައި، މިދަނީ ބަލައި ދިރާސާކުރަމުން، ކޫރޫޒު ލައިނާތަކަށް ހާއްސަ ޖެޓީތައް ނުވަތަ ބަނދަރުތައް ހަދައި، ކުރޫޒް ލައިނާތައް އެ ހިސާބުތަކަށް ގެންދިއުމަށް، ވަރަށް ބޮޑު ކުރިއެރުމަކަށް މިކަން ވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަށް މި ދުވަސްވަރު އަންނަ ކްރޫޒުލައިނާތައް އިތުރުވެފައިވާއިރު މޯލްޑިވްސް އެސޯސިއޭޝަން ފޯ ޔޮޓް އޭޖެންޓްސް، މާޔާއިން ބުނެފައިވާގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަން ނިމުމުގެ ކުރިން އިތުރު 12 ކްރޫޒް ލައިނާއެއް ރާއްޖެ އައުމަށް ވަނީ ތާވަލުކޮށްފައެވެ.