އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ކުޅުނު މެޗުގައި ބޯންމައުތު ބަލިކޮށްފިއެވެ.

އާސެނަލުން ރޭ ރަށުން ބޭރުގައި ކުޅުނު މެޗުން މޮޅުވީ 3-2 ގެ ހަނި ނަތީޖާއަކުންނެވެ. މިވަގުތު ތާވަލުގެ އެއްވަނައިގައި އާސެނަލް ލީޑު ކުރަމުން ދަނީ 20 މެޗުން 48 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތީ ރޭ ނޮޓިންހަމް ފޮރެސްޓް ކައިރިން 3-1 އިން މޮޅުވި އެސްޓަން ވިލާއެވެ. އެއީ 20 މެޗުން 42 ޕޮއިންޓާއެކުގައެވެ.

ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 19 މެޗުން 41 ޕޮއިންޓް ލިބިފައިވާ އިރު، މިރޭ ޗެލްސީ ބަލިކޮށްގެން ސިޓީއަށް ދެވަނައަށް އެރުމަށް ފުރުސަތު އެބައޮތެވެ.

އަނިޔާގެ ސަބަބުން ވިލާއާ ދެކޮޅަށް ނުކުޅެ ހުރުމަށް ޑެކްލަން ރައިސް ރޭ އެނބުރި ކުޅުމަށް ނުކުމެފައިވާ އިރު، އޭނާގެ ފަރާތުން ދެ ގޯލް ފެނިގެން ގޮސްފައިވެއެވެ.

މެޗުގެ ފެށުން އާސެނަލަށް ދިޔައީ އުނދަގޫ ކޮށެވެ. 10 ވަނަ މިނެޓުގައި ފަހަތުން ގެބްރިއަލް ހެދި ގޯހެއްގެ ބޭނުން ހިފައި، ބޯންމައުތުން ވަނީ ލީޑު ނަގައިފައެވެ. އެ ގޯލް ޖަހައިދިނީ އެވަނިލްސަންއެވެ.

ގެބްރިއަލްގެ އެގޯހުން ބޯންމައުތު ލީޑު ނެގި ނަމަވެސް، އޭގެ ހަ މިނެޓު ފަހުން އޭނާ އާސެނަލަށް އެއްވަރު ކޮށްދިނެވެ.

ދެވަނަ ހާފު ފެށިގެން ރައިސްގެ ދެ ގޯލާއެކު އާސެނަލުން ފަސޭހައިން މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް، 76 ވަނަ މިނެޓުގައި އެލީ ޖޫނިއާ ކްރޯޕީގެ ހިތްގައިމު ގޯލުން ބޯންމައުތު ފަރަގު ކުޑަކުރިއެވެ.

އޭގެފަހުން އާސެނަލަށް ޕްރެޝަރުކުރަން އެޓީމުން ކުރި މަސައްކަތުގައި ނުރައްކާ ކުރި ނަމަވެސް، އާސެނަލުން ވަނީ ޖެހިޖެހިގެން ފަސްވަނަ މޮޅު ހޯދުމަށް ހިތްވަރު ކޮށްފައެވެ.