އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ނަތީޖާތައް ދަށްވުމުން، ގައުމީ ޓީމު އެއްކޮށް ސަސްޕެންޑްކޮށް، އެޓީމުގެ ތަރި ޓީމުން ބޭރުކުރަން ގެބޯން ސަރުކާރުން ނިންމައިފިއެވެ.

ގެބޯންގެ ކުޅިވަރާ ބެހޭ ވަޒީރު އެގައުމުގެ ރަސްމީ ޓީވީގައި އިއުލާނުކުރައްވާފައި ވަނީ އެފްކޯންގައި ޓީމުން ނެރުނީ ލަދުވެތި ނަތީޖާއެއް ކަމަށާއި، ސަރުކާރުން ނިންމާފައި ވަނީ ގައުމީ ޓީމު އެއްކޮށް ހުއްޓުވާލައި، ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރުމަށް ކަމަށެވެ. އޭގެ އިތުރުން ބްރޫނޯ އެކުއޭލޭ މަންގާއާއި ޕިއޭ-އެމެރިކް އޮބަމެޔަންގް ޓީމުން ބޭރު ކުރުމަށް ނިންމާފައިވާ ކަމަށްވެސް ކުޅިވަރާ ބެހޭ ވަޒީރު އިއުލާނު ކުރައްވާފައިވެއެވެ.

ސަރުކާރުގެ ފަރާތުން ބުނީ ގައުމީ ޓީމުގެ ކޯޗިން ސްޓާފުންވެސް އެކުގައި ޓީމުން ބޭރުކުރަން ނިންމާފައިވާ ކަމަށެވެ.

ގެބޯންގެ ކޯޗެއްގެ ގޮތުގައި މިފަހަރު އެފްކޯންގައި ފެނުނީ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ތިއެރީ މޮއުޔޫމާއެވެ. އޭނާއާއެކު ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކެމަރޫނާއި މޮޒަމްބީގު ކައިރިން ގެބޯން ބަލިވި އިރު، ރޭ ކުޅުނު މެޗުގައި އައިވޮރީ ކޯސްޓް ކައިރިންވެސް ވީ ބައްޔެވެ. ރޭ ބަލިވީ ދެ ގޯލްގެ ލީޑެއްގައި އޮއްވާ، ކޮޅަށް ތިން ގޯލް ވަދެގެންނެވެ.

ރޭގެ މެޗުގައި އޮބަމެޔަންގާއި މަންގާވެސް ކުޅެފައެއް ނުވެއެވެ. އަބޮމެޔަންގް މިހާރު ހުރީ އޭނާގެ ކްލަބު މާސޭގައެވެ. އެއީ ފަލަމަސްގަނޑުގެ އަނިޔާއަކުން ރަނގަޅުވުމުގެ މަސައްކަތް ފަށަން ކަމަށް އޭނާ ބުނެފައިވެއެވެ.

ސަރުކާރުގެ ނިންމުމަށް އުމުރުން 36 އަހަރުގެ އޮބަމެޔަންގް ބުނީ، ޓީމުގެ މައްސަލަތަކަކީ ވަކިވަކި ކުޅުންތެރިންނާ ހަމައިން ނިންމާލެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ގުޅިފައިވާ ގިނަ ބަޔަކު އެބަ ތިބި ކަމަށެވެ.