އެމްއޭސީއެލްގެ ހުއްދަނެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްދަނެތި ވިޔަފާރިކޮށް، ހިދުމަތްތައް ދޭނަމަ އެފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފިއެވެ.

އެމްއޭސީއެލުން މިއަދު ބުނީ ފަތުރުވެރިންނަށް ބޭނުންވާނެ އެންމެހައި ކަންކަން ފޯރުކޮށްދިނުމަށްޓަކައި އެކި ވިޔަފާރިތައް ކުރުމާއި ހިދުމަތްތައް ދިނުމުގެ ހުއްދަ، ވަކި ހާއްސަ އުސޫލުތަކަކާއި އެއްބަސްވުންތަކެއްގެ ދަށުން ދޫކުރަނީ އެކުންފުނިން ކަމަށެވެ. އެހެންކަމުން، މީ އުސޫލުތަކާއި އެއްބަސްވުންތަކުގެ ދަށުން ހުއްދަ ދޫކުރެވިފައިވާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން ވީއައިއޭގައި އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުމަކީ ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަކީ މަނާކަމެއް ކަމަށެވެ.

އެގޮތުން، އެ އެއާޕޯޓުގައި ސިމް ވިއްކުމާއި ބޭރުފައިސާ މާރުކުރުން ފަދަ ވިޔަފާރި އާއި ހިދުމަތް ދިނުމުގެ ހުއްދަ ދޫކުރެވިފައިވަނީ ކަމާ ގުޅޭ ލައިސެންސް އޮންނަ އަދި އެމްއޭސީއެލް އާ އެކު އެފަދަ ހިދުމަތެއް ދިނުމުގެ އެއްބަސްވުމެއް ހަދާފައިވާ ފަރާތްތަކަށް ކަމަށެވެ.

"އެމްއޭސީއެލް އާ އެކު އެއްބަސްވުމެއްގެ ދަށުން މި އެއާޕޯޓުގައި ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ދޭ ފަރާތަކުން އެ ވިޔަފާރި ނުވަތަ ހިދުމަތް ދޭންވާނީ އެކަމަށް ކަނޑައެޅިފައިވާ ޖާގައިގެ ކައުންޓަރުން ނުވަތަ ވަސީލަތަކުން އެކަންޏެވެ. އަދި އެތަންތަނުން ހިދުމަތްދޭ ފަރާތްތަކުން ތިބެން ވާނީ ތަމްސީލު ކުރާ ކުންފުނީގެ ޔުނިފޯމް ލައިގެން ނުވަތަ ފާހަގަވާނެ ފާސް ހިފައިގެންނެވެ. އެއްބަސްވުމުގައި ކަނޑައެޅިފައިވާ ތަނުގެ ނުވަތަ ވަސީލަތުގެ ބޭރުން އަދި އެއްބަސްވުމުގައި ނެތް ހިދުމަތެއް ދިނުމަކީ އެ ފަރާތްތަކަށްވެސް މަނާކަމެކެވެ،" އެމްއޭސީއެލުން ބުނެފައިވެއެވެ.

އެމްއޭސީއެލުން ބުނީ ފަތުރުވެރިންނާއި އެއާޕޯޓު ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި އެއާޕޯޓުގައި ދެވޭ ހިދުމަތްތަކުގެ ފެންވަރު ދެމެހެއްޓުމަކީ އެކުންފުނީގެ ޒިންމާއެއް ކަމުގައިވާތީ، ހުއްދަ ނެތި އެއާޕޯޓުގައި އެއްވެސް ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ފަރާތެއް ފާހަގަކުރެވިއްޖެ ނަމަ، ކަމާ ގުޅޭ ސަލާމަތީ މުއައްސަސާތަކާ އެކު އެފަދަ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

އަދި މިފަދަ ފިޔަވަޅެއްގެ ސަބަބުން އެފަރާތްތަކަށް ލިބިދާނެ ވިޔަފާރީގެ އެއްވެސް ގެއްލުމަކަށް އެ ކުންފުނިން ޒިންމާ ނުނަގާނެ ކަމަށެވެ.