ސިޔާސީ ޕާޓީތަކުގެ އާންމު މެންބަރުންނަށް ވަގުތުން ޕާޓީން ވަކިވެވޭ ގޮތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަދައިފިއެވެ.
އީސީން މިއަދު ބުނީ https://my.elections.gov.mv މެދުވެރިކޮށް ޕާޓީން ވަކިވެވެން ހުންނާނެ ކަމަށެވެ.
"ސިޔާސީ ޕާޓީގެ ދަފްތަރުން ވަކިވުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކުގެ ރިކުއެސްޓް، ވަގުތުން ވަކިވާނޭހެން ވަނީ ބަދަލު ގެނެވިފައެވެ. އެހެންނަމަވެސް މި ކޮމިޝަނުގައި ދަފްތަރުކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ މެންބަރުން ޕާޓީން ވަކިވާނަމަ ނުވަތަ އެހެން ޕާޓީއަކަށް ރަޖިސްޓަރީކުރާނަމަ، މި ކޮމިޝަނުގައި ދަފުތަރުކުރެވިފައިވާ ސިޔާސީ ޕާޓީގެ އިސްމަޤާމުން ވަކިވުމަށް ހުށަހަޅަންވާނެ” އީސީން ބުންޏެވެ.
އީސީން ބުނީ ސިޔާސީ ޕާޓީއަކުން، އެ ޕާޓީގެ މެންބަރަކު، ޕާޓީގެ ދަފްތަރުން އުނިކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލްގެ ލޮގިން މެދުވެރިކޮށް ޕާޓީން ވަކިކުރުމަށް ރިކުއެސްޓުކުރުމުން ޕާޓީން ވަކިވާނެ ކަމަށެވެ.
އީސީގެ ނައިބު ރައީސް ސަލާހު ރަޝީދު "ވަން" އަށް މިދިޔަ ޑިސެމްބަރުމަހުގެ ހަތްވަނަ ދުވަހު ވިދާޅުވެފައިވަނީ ޕާޓީތަކުގެ އާންމު މެންބަރުންނަށް ވަގުތުން ޕާޓީން ވަކިވެވޭ އުސޫލެއް ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ފަހުން އީސީން އާންމުކުރާނެ ކަމަށެވެ.
ޕާޓީތަކުގެ އާންމު މެންބަރުން ޕާޓީން ވަކިވުމަށް އެދި ހުށަހަޅަން ވާނީ އީސީގެ ޕޯޓަލްގެ ތެރެއިންނެވެ.
އުސޫލުގެ ދަށުން "އެ މީހަކު ވަކިވާން އެދެފިއްޔާ ޕާޓީން އިސް މަގާމުތައް ހަވާލުވެފައި ތިބި ފަރާތްތައް ފިޔަވައި އެންމެންވެސް ވަކިވެވޭނެ" ސަލާހު ވިދާޅުވެފައިވެއެވެ.
ވަގުތުން ޕާޓީނުވެވޭ ބައެއް ފަރާތްތަކުގެ މިސާލު ދައްކަވަމުން ސަލާހު ވިދާޅުވެފައިވަނީ ޕާޓީގެ ހަޒާންދާރު، ޕާޓީގެ ރަޖިސްޓްރާ، ޕާޓީގެ ރައީސް އަދި ޕާޓީގެ ޗެއާޕާސަން ފަދަ އީސީގެ ރިކޯޑުގައި ހިމަނަންޖެހޭ ފަރާތްތައް ކަމަށެވެ. އެ މަގާމުތަކުގައި އަދި އެފަދަ އެހެން މަގާމުތަކުގައި ތިބޭ މީހުން ވަގުތުން ޕާޓީން ވަކިކޮށް ނުދެނީ ޑިޔު ޕްރޮސެސް ފުރިހަމަ ކުރަން ޖެހޭތީ ކަމަށް ސަލާހު ވިދާޅުވެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން