އެފްރިކާގެ ގައުމުތަކުން ވާދަކުރާ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސް 2026 ގެ ގްރޫޕް ސްޓޭޖުގައި އައިވޮރީ ކޯސްޓާއި ކެމަރޫނުން ކުޅުނު ފަހު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.
އެފްކޯންގެ ގްރޫޕް ސްޓޭޖުގެ ކުޅުން ރޭ ނިމިގެން ގޮސްފައިވާ އިރު، މިހާރު ވަނީ ގަދަ 16 އެއްކޮށް ޔަގީންވެފައެވެ.
އެންމެފަހުގެ ޗެމްޕިއަން އައިވޮރީ ކޯސްޓުން ގްރޫޕް އެފްގެ އެއްވަނަ ހޯދީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ކެމަރޫން އޮތް އިރު، އެޓީމަށްވެސް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. ފައިދާ ގޯލްވެސް އެއްވަރުވެ، ދެ ޓީމުގެ ފަރަގަކީ ޖެހި ގޯލެވެ.
އައިވޮރީ ކޯސްޓުން ރޭ ގެބޮން ބަލިކުރީ 3-2 އިންނެވެ. މެޗުގައި ގެބޮންއިން ފުރަތަމަ ދެ ގޯލް ޖެހި އިރު، އެ ގޯލްތައް ޖަހައިދިނީ ގުއެލޯ ކަންގާއާއި ޑެނިސް ބޮނާންގާއެވެ. ފަހަތުން އަރައި އައިވޮރީ ކޯސްޓް މޮޅުވީ ޖޯން ފިލިޕް ކްރާސޯއާއި އެވާން ގުއެސަންޑް އަދި ބަޒޫމަނާ ޓޯރޭ ޖެހި ގޯލްތަކުންނެވެ.
ކެމަރޫނުން ރޭ ފަހަތުން އަރައި 2-1 އިން މޮޒެމްބީގު ބަލިކުރި މެޗުގައި މޮޒެމްބީގުގެ ގޯލް ޖެހީ ގެނީ ކަޓަމޯއެވެ. އޭގެފަހުން ނެނޭގެ އަތުން ބައިކޮޅަށް ވަން ގޯލެއްގެ އިތުރުން ދެން ކެމަރޫނަށް ގޯލް ޖަހައިދިނީ ކްރިސްޓިއަން ކޮފާނާއެވެ.
ގްރޫޕް އީގެ ފަހު މެޗުތަކަށް ބަލާ އިރު، އަލްޖީރިއާއިން ފޯމުގައި ނިންމާލީ އިކުއެޓޯރިއަލް ގީނީ ކައިރިން 3-1 އިން މޮޅުވެގެންނެވެ. އަދި ބުރްކީނޯ ފާސޯއިން އެ ގްރޫޕްގެ ދެވަނަ ހޯދީ ސޫދާން ކައިރިން 2-0 އިން މޮޅުވެގެންނެވެ. އެ ނަތީޖާއާއެކުވެސް ސޫދާނަށް ވަނީ ގަދަ ތިންވަނަ ޓީމުތަކުގައި ހިމެނިގެން ގަދަ 16 އިން ފުރުސަތު ލިބިފައެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން