ށ. ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ކުރިން ބާއްވަންޖެހޭ ޓެސްޓު ފްލައިޓު ޖައްސައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ މޯލްޑިވިއަންގެ ޓެސްޓު ފްލައިޓު ފުނަދުއަށް ޖެއްސީ އިއްޔެ އިރުއޮއްސި 7:30 ގައި ކަމަށެވެ.

އެ ފްލައިޓުގައި އެމްއޭސީއެލް އާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ އޮފިޝަލުން ފުނަދުއަށް ވަޑައިގެންނެވިއެވެ. އިއްޔެގެ ޓެސްޓު ފްލައިޓަށްފަހު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ހުއްދަ ދީފައެވެ.

ފުނަދޫ އެއާޕޯޓް ތަރައްގީކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ތެރެއިން ފުނަދޫ އެއާޕޯޓުގެ ހިދުމަތް ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކޮށް, އަމަލީ މަސައްކަތް ފެށީ ށ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ނިމިގެންދިޔަ އަހަރުގެ އޮކްޓޯބަރު 15 ގައި ފުނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވަނީ މި އަހަރު ނިމުމުގެ ކުރިން ފުނަދޫ އެއާޕޯޓުގައި ލައިޓުތައް ޖަހައި ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.

31 ޑިސެމްބަރު 2025: ށ. ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓު ފްލައިޓް ޖެއްސުން --- ފޮޓޯ/ އެމްއޭސީއެލް

ރެއިން ފެށިގެން ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށްވެސް ރޭގަނޑު ފްލައިޓުތައް ޖެއްސޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ އިއުލާންކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ އެ ހިދުމަތް ރޭ ފުނަދޫ އެއާޕޯޓުގައި ފެށުމާއެކު ރޭގަނޑު ފްލައިޓް ނުޖެއްސޭ އެއްވެސް އެއާޕޯޓެއް މިހާރު ރާއްޖޭގައި ނޯންނާނެ ކަމަށެވެ.

މިއީ ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ ގައުމީ މުހިންމު އަމާޒެއް ކަމަށާއި އެ އަމާޒަށް ވާސިލުވެވުނީ އެ މަނިކުފާނު މެދުކެނޑުމެއްނެތި ދެއްވެވި އިރުޝާދާއި އެއްބާރުލުމާ އެކުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

2020 ވަނަ އަހަރު ހުޅުވި ފުނަދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއާޕޯޓުގައި ޒަމާނީ ފެންވަރުގެ ލައުންޖެއް ހެދުމާއި ރެސްޓޯރެންޓަކާއި ޓާމިނަލްގެ ފެންވަރު މަތިކުރުމާއި ބެގޭޖް ކޮންވެޔޯ ބެލްޓް ހަރުކުރުމުގެ އިތުރުން ރަންވޭގެ ދިގުމިން އިތުރުކުރުމުގެ މަަސައްކަތް ހިމެނެއެވެ.