ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި އުމުރަށް ޖަލަށްލި ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލް ޖަލު ހުކުމް ބާތިލުކޮށް، އެ ދެ މީހުންނާއި އެ މައްސަލައިގައި ކުށް ސާބިތު ނުވެ ސަލާމަތްވި އިތުރު ދެ މީހެއްގެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި އޭޕްރީލް، 2017 ޔާމީން ރަޝީދު މަރައިލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ދައުލަތުން އުފުލިއެވެ. އެއީ ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލްގެ އިތުރުން ގދ. ގައްދޫ/ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ/ ހަސަން ޝިފާޒާއި މ. ތާއިފް/ އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ/ އީސްޓް، ހުސައިން ޒިޔާދެވެ.
އެ މީހުންގެ ތެރެއިން ކުށް ސާބިތުވި ކަމަށް ކަނޑައެޅީ ހައިޝަމް އާއި ޒިހާންގެ މައްޗަށެވެ. ހައިޝަމުގެ މައްޗަށް ކުށް ސާބިތުވީ، ޔާމީން މަރާލަން ދިން ހަމަލާ ރާވައި، ޓާސްކުތައް ހަވާލުކޮށް އަމަލީގޮތުން އެކަން ކުރި ފަރާތް ކަމަށް ސާބިތުވުމުންނެވެ. ޒިހާންގެ މައްޗަށް ކުށް ސާބިތުވީ، މި ހަމަލާ ދިނުމުގައި އަމަލީ ގޮތުން އޭނާ ބައިވެރިވެފައިވާކަން ސާބިތުވެގެންނެވެ. އެ ދެ މީހުންވެސް އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އޮތީ ހުކުމްކޮށްފައެވެ.
ދެން ތިބި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރުމުން، އޭގެ ތެރެއިން އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކުރީ ހައިޝަމާއި ޒިހާންގެ ޖަލު ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމަށެވެ. އަދި އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައި ވެސް އަލުން ބަލަން ހައި ކޯޓުން އެންގިއެވެ.
އެ މައްސަލަ ދަށު ކޯޓުން ބަލާއިރު ސިއްރު ހެކިވެރިއެއްގެ ހެކިބަހާ މެދު އަލުން ގޮތެއް ނިންމުމަށް ހުކުމުގައި އެންގިއެވެ.
ހައިޝަމާއި ޒިހާންގެ ޖަލު ހުކުމް ބާތިލުކުރުމުން އެ މީހުން ބަންދުން މިނިވަން ވާނެތީ، އެ މައްސަލަ ނިމެންދެން އެ މީހުން ބަންދުކުރަން ދައުލަތުން މިއަދުގެ އަޑުއެހުމުގައި އެދުނެވެ. ނަމަވެސް ފަނޑިޔާރުން މަޝްވަރާ ކުރުމަށް ފަހު ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
އެ މައްސަލަ ބެއްލެވި ފަނޑީޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ.
އިބްރާހިމް ޒަކީ
ހައިކޯޓު
ހައިކޯޓު
ހައިކޯޓު