ރަޝިޔާއިން އިރާނުގެ ތިން ސެޓަލައިޓެއް ޖައްވަށް ފޮނުވައިފިއެވެ.

ރަޝިޔާއިން އިރާނުގެ ތިން ސެޓަލައިޓެއް އިއްޔެ ޖައްވަށް ފޮނުވާލާފައިވާ އިރު، މިއީ އެގައުމުން އިރާނުގެ ސެޓަލައިޓު ޖައްވަށް ފޮނުވި ދެވަނަ ފަހަރު ކަމަށް އިރާނުގެ ގައުމީ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ރަޝިޔާއިން އިރާނުގެ ސެޓަލައިޓުތައް ފޮނުވާލި ރޮކެޓް ލޯންޗުކޮށްފައިވަނީ އެގައުމުގެ އިރުމަތީ ވޮސްޓޮޗީ ލޯންޗު ސައިޓުން ކަމަށެވެ.

އިރާނުން ފޮނުވާލި ތިން ސެޓަލައިޓަށް ދީފައިވާ ނަންތަކަކީ ޕަޔާ އަދި ކައުސަރުގެ އިތުރުން ޒަފަރު-2 އެވެ.

ރިޕޯޓުތައް ބުނާގޮތުން ޕަޔާ ނަމަކަށް ކިޔާ ސެޓަލައިޓުގެ ބަރުދަނުގައި 150 ކިލޯ ހުންނާނެއެވެ. އެއީ އިރާނުން މިހާތަނަށް ފޮނުވާލި އެންމެ ބަރު ސެޓަލައިޓު ކަމަށްވެސް އެގައުމުގެ މީޑިއާއިން ބުނެއެވެ.

އިރާނުގެ ސެޓަލައިޓުތަކުގެ ތެރެއިން ކައުސަރު ނަމުން ނަންދީފައިވާ ސެޓަލައިޓުގެ ބަރުދަނުގައި 35 ކިލޯ ހުންނަ އިރު ޒަފަރު-2 ގައި ހުރީ ކިތައް ކިލޯ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ފަސް އަހަރުގެ މުއްދަތަކަށް ބޭނުން ކުރުމަށް ހަމަޖެހިފައިވާ އެ ތިން ސެޓަލައިޓުގެ އެހީގައި ދުނިޔޭގެ ސަތަހައިގެ ކޮލެޓީ ފޮޓޯ ނެގުމުގެ އިތުރުން ގުދުރަތީ ނިޒާމަށް އަންނަ ބަދަލުތައް ދިރާސާ ކުރުމަށް މުހިންމު ދައުރެއް އަދާ ކުރާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.