މި އަހަރަކީ، ވައްކަމާއި ފޭރުމުގެ މައްސަލަތައް އާދަޔާ ހިލާފަށް ގިނަ އަހަރެކެވެ. ހާއްސަކޮށް މިލިއަނުން ވައްކަން ކުރުމުގެ މައްސަލަތައް މި އަހަރު ވަނީ ފެންމަތިވެފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ، އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެގުމެވެ. ދައުލަތަށް 100 މިލިއަންގެ ޓެކްސް ދައްކަން ޖެހޭ އެ ކޮންޓެއިނަރުތައް ވަގަށް ނެގީ "ޑޭލައިޓް ރޮބަރީއެއް"ގެ ގޮތުގައި ދުރާލައި ރާވައި އިންތިޒާމްވެގެންނެވެ.

އެ މައްސަލައިގައި ނަން ހިނގާ ދެ ވިޔަފާރިވެރިން ކަމަށް އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ އަހުމަދު އާރިފް (އާއްޓޭ)ވެސް ހައްޔަރުކުރިއެވެ. އެ މީހުން ހިމެނޭހެން ދިހަ މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ކަސްޓަމްސްގެ އިސް ވެރިޔަކާއި އެމްޕީއެލްގެ މުވައްޒަފުންވެސް ހިމެނެއެވެ.

ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، ގެއްލުނު މައްސަލައިގައި 11 މީހަކަށް ދައުވާކޮށްދޭން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) ގައި ފުލުހުން އެދުނު ނަމަވެސް އޭގެ ތެރެއިން ދައުވާ އުފުލާފައިވަނީ 10 މީހެއްގެ މައްޗަށެވެ.

ވިޔަފާވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި ވައްކަން ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމާއި ވައްކަން ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

އޭގެ އިތުރުން ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލް އާއި އެމްޕީއެލްގެ ދެ މުވައްޒަފުން ކަމަށްވާ ހދ. ވައިކަރަދޫ ނޫރަލީގޭ، އަހުމަދު ޝަހީމާއި ހ. ރުމޭނިއާ، އަހުމަދު ފިރުސާންގެ މައްޗަށް ވެސް އެ ދެ ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމާއި ވައްކަންކުރުމުގެ ކުށުގެ ދައުވާ އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި ވައްކަން ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

މީގެ އިތުރުން އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ސ. ހިތަދޫ ޗާންދަނީގޭ ހުސައިން ސާމިހު އަދި ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދުގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމާއި ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.

ބަންގްލަދޭޝް މީހެއް ކަމަށްވާ މުހައްމަދު އަލަމިން މިއާ އާއި ކ. ތުލުސްދޫ، ލިންކް ހަސަން އަބްދުއްރަހުމާނުގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމަށް ބައިވެރިވުމާއި ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

މީގެއިތުރުން ދަފްތަރު ނަންބަރު ރސ 1355، މުހައްމަދު ޝަރީފުގެ މައްޗަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމާފައިވެއެވެ. އެއީ ޖިނާއީ ކުށެއްގެ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިވާ ކަމަށް ނުފެންނާތީ ކަމަށް ޕީޖީން ބުނެފައިވެއެވެ.

މި މައްސަލައިގައި ޕީޖީ އޮފީހުން އެދިގެން ދެ ވިޔަފާރިވެރިން ކަމަށްވާ ދިގައްޔާއި އާއްޓެ އަދި ހަސަން އަބްދުއްރަހުމާން ބަންދުން ވަނީ ދޫކޮށްލައިފައެވެ. ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި އެމީހުން ބަންދުން ދޫކޮށްލަން އެދުނީ އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ އެ ކުށް ކުރުމަށް ރޭވުން ކަމަށްވާ އިރު، އެ ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީއެވެ.

އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ދެ ކޮންޓެއިންނަރު ތެރޭގައި ހުރި ސިނގިރޭޓް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.

މި އަހަރު ދެން އެންމެ ބޮޑު ސިހުމެއް ގެނައީ ސެކިއުރިޓީގެ ގޮތުން ވަރުގަދަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ވޯކްވޭ ތެރެއިން ބޭންކް އޮފް މޯލްޑިވްސް މުވައްޒަފެއްގެ އަތުން ޑޮލަރު ހުރި ބްރީފްކޭހެއް ފޭރިގަނެގެން ފިލި މައްސަލައެވެ.

ސެކިއުރިޓީ ފޫއަޅުވާލައި، އެތައް ބައެއްގެ ލޯ ކުރިމަތީގައި، މި ބުނާ ވޯކްވޭގެ ތެރެއިން މިދިޔަ އޮކްޓޫބަރު މަހު ފޭރިގަތީ 130،000 ޑޮލަރު ހުރި ބްރީފް ކޭހެކެވެ.

މާސްކް އަޅައިގެން ތިބި ބަޔަކު، ވަޅީން ބިރު ދެއްކުމަށްފަހު، އެ ޑޮލަރުތައް ފޭރިގެންފައިވަނީ ފުލުހުންގެ ސެކިއުރިޓީ ނެތި ޑޮލަރު ގެންދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފެއްގެ އަތުންނެވެ. ޑޮލަރުތައް ފޭރުނު މީހުން ހުއްޓުވަން މަސައްކަތްކުރި ސެކިއުރިޓީއެއްގެ ގަޔަށް އެ މީހުން ޕެޕާ ސްޕްރޭ ޖެހި ކަމަށްވެސް ވެއެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކުން "ވަން" އަށް ބުނި ގޮތުގައި ފޭރުމުގައި ހަރަކާތްތެރިވި މީހުން ބްރީފް ކޭސް ހިފައިގެން ދުވެފައި ގޮސް އެރީ އެ ވަގުތު އެ މީހުން ބަލައި އައިސް އޮތް ކުޑަ ލޯންޗަކަށެވެ. އެ ލޯންޗަށް އަރައިގެން އެ މީހުން ފިލީއެވެ. ނަމަވެސް ހަމަ އެ ދުވަހު ފުލުހުން ވަނީ އެ މައްސަލައިގެ ތުހުމަތުގައި ހަތަރު މީހަކު ކ. ހުރާއިން ހައްޔަރުކޮށް އެ މީހުން ފިލަން ބޭނުންކުރި ލޯންޗުވެސް ހޯދައިފައެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހުން

  • މާޒިން މޫސާ، 25، ރޭޝަމް / ލ. މާވަށް
  • އަހްމަދު ރައިހާން ނައީމް، 20، މ. ކޯރަސް
  • އިބްރާހީމް އަނޫފް، 24، އަޅިވިލާގެ، ކ. ގުރައިދޫ
  • ހުސައިން ޝަހުދު، 30، އަޅިވިލާގެ، ކ. ގުރައިދޫ

"ވަން" އިން ވަނީ ހުރާއަށް ގޮސް އެ މީހުން ހަރަކާތްތެެރިވި ތަންތަނުން މި މައްސަލައާ ގުޅޭ މައުލޫމާތު އެއްކޮށްފައެވެ. އެގޮތުން އެ މީހުން ޑޮލަރު ގުނާ ވީޑިއޯ ފޫޓޭޖެއް "ވަން" އަށް ފެނިފައިވެއެވެ. އޭގައި 10،000 ނުވަތަ 20،000 ޑޮލަރު ހުންނާނެ ކަމަށް ބެލެވެއެވެ.

އެ މައްސަލައިގައި ގެއްލުނު ޑޮލަރުތައް މިހާތަނަށްވެސް ހޯދިފައި ނުވާއިރު ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން އިތުރު ބަޔަކުވެސް ހައްޔަރުކޮށްފައެވެ.

އެ މައްސަލައިގައި ފަހުން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު (27އ)، ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދު (44އ)ގެ އިތުރުން ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލް (21އ) އެވެ.

ޑޮލަރު ވައްކަމުގެ އިތުރުން ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް ގެއްލުނު މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުން ހުޅުމާލެ ފޭސް ތިނެއްގައި ހުންނަ ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށް ނެގި 20،000 ޑޮލަރާއި އެހެނިހެން ތަކެތި ހޯދައި ވެރިފަރާތާ ވަނީ ހަވާލުކޮށްފައެވެ.

މި އަހަރަކީ ހުރިހާ ގޮތަކުންވެސް ވައްކަމާއި ފޭރުންތައް ގިނަ އަހަރެކެވެ. އޭގެ ތެރޭގައި އާދައިގެ ވައްކަމުން ފެށިގެން މިލިއަނުން ގުނާލެވޭ ވައްކަން ހިމެނެއެވެ.