ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ގޭންގު ކަނޑައެޅުމުގެ މައްސަލައެއް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގޭންގް ކްރައިމް އިންވެސްޓިގޭޝަން ހިންގުމާ ހަވާލުވެ ހުންނެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގު އާދަމް ވިދާޅުވީ، މިދިޔަ އޮގަސްޓް މަހު އަމަލުކުރަން ފެށި ގޭންގުތަކުން ހިންގާ ކުށްތަކާއި، އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން މިހާތަނަށް ހަ ތަނެއް ބަލައި ފާސްކޮށް، ހަތް މައްސަލައެއްގައި 11 މީހުން ހައްޔަރުކުރި ކަމަށާއި މިވަގުތު ބަންދުގައި ތިބީ އޭގެ ތެރެއިން ދެ މީހެއް ކަމަށެވެ.
އިސްހާގު ވިދާޅުވީ، އެ ދެ މައްސަލައާއެކު ގޭންގު ކަނޑައެޅުމުގެ މައްސަލަވެސް މިހާރު ޕީޖީއަށް ހުށަހަޅާފައިވާނެ ކަމަށެވެ.
ގޭންގު ކުށް ހުއްޓުވުމުގެ ގާނޫނުގައި ގޭންގުތައް ކަނޑައެޅުމުގެ ބާރު ދީފައި އޮންނަނީ ކޯޓަށެވެ. އެގޮތުން ކޮމިޝަނަރު އޮފް ޕޮލިސް އެންޑޯސް ކުރައްވައި ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހަށް ގޭންގު ކަނޑައެޅުމަށް ހުށަހެޅުމުން އެ އޮފީހުން ކޯޓަށް ހުށަހަޅަން ޖެހެއެވެ.
"ގޭންގެއް ކަނޑައެޅުމަށްޓަކައި މިހާރު އެއް މައްސަލައެއް ވާނީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައި. އެ މަސައްކަތުގައި ޕީޖީ އޮފީހުން އަޅުގަނޑުމެންނަށް ލަފާ ދީފައިވާ ކަންކަން މިހާރު މިގެންދަނީ ކުރަމުން. އަދި އަތޮޅުތެރެއިންވެސް އަޅުގަނޑުމެން މިދަނީ ގޭންގެއް ކަނޑައެޅުމަށްޓަކައި ޝަރުތު ހަމަވާ ފަރާތްތަަކަކީ ކޮބައިތޯ ބަލަމުން،" އިސްހާގު ވިދާޅުވިއެވެ.
އިސްހާގު އިތުރަށް ވިދާޅުވީ، ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން ގޭންގު ކުށްތައް މިހާރު މަދުވެފައިވާ ކަމަށެވެ.
ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުން ކުށަކަށްވާނެއެވެ. އެފަދަ ގްރޫޕެއް އުފައްދައިފިނަމަ ނުވަތަ ހިންގައިފިނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް