ރާއްޖޭ ގައުމީ ފުޓްސަލް ޓީމުގެ ޓާގެޓަކީ ސާފް މުބާރާތް ކާމިޔާބުކުރުން ކަމަށާއި، އެ މަސައްކަތުގައި ވާދަކުރަން ޖެހެނީ ދާދި އެއް ފެންވަރެއްގެ ޓީމުތަކަކާ ކަމަށް އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗު، ފާރޫކް ޒަކިރޯވް ބުނެފިއެވެ.

ސާފުން މުޅިން އަލަށް ބާއްވާ ފިރިހެން ފުޓްސަލް މުބާރާތާއި އަންހެން ފުޓްސަލް މުބާރާތްވެސް އޮންނާނީ އަންނަ އަހަރު ޖެނުއަރީގައެވެ. އަންހެން މުބާރާތް ޖެނުއަރީ 13 އިން 25 އަށް ކުރިއަށްދާ އިރު، ފިރިހެން މުބާރާތް އޮންނާނީ ޖެނުއަރީ 14 އިން 26 އަށެވެ.

އެ މުބާރާތަށް ތައްޔާރުވާން މާލޭގައި ތަމްރީނުތައް ކުރުމަށްފަހު، ފުޓްސަލް ޓީމުން ވަނީ މިއަދު ހެނދުނު ޗައިނާއަށް ފުރާފައެވެ. އެއީ ގާތްގަނޑަކަށް 10 ދުވަހުގެ ކޭމްޕަކަށެވެ. އެ ކޭމްޕްގެ ތެރެއިން ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

"ދިވެހި ގައުމީ ޓީމުން ތަމްރީނުކުރަމުން ދާތަން މިހާރު މިވަނީ އެއް މަސް. އެކަމަކު އަސްލު ފެންވަރު ވަޒަންކުރަން އެނގޭނީ ޗައިނާގެ ކޭމްޕުން. އެ ގައުމުގައި ކުޅޭ މެޗުތަކުން އެނގޭނެ ރާއްޖޭގައި ކުރި ތަމްރީނުތަކުގެ ނަތީޖާ،" އުޒްބެކިސްތާނުގެ ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗުކަންވެސް ކުރި ފާރޫކް "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

ފާރޫކް އިތުރަށް ބުނީ ޗައިނާގެ ކޭމްޕަކީ ވަރަށް މުހިއްމު ކޭމްޕެއް ކަމަށާއި، އެގައުމުގައި ކުޅޭ ތިން މެޗަކީ ޓީމުގެ ކުރިއެރުން ވަޒަން ކުރެވޭނެ ތިން މެޗު ކަމަށެވެ.

ކުރިން އުޒްބެކިސްތާނުގެ ގައުމީ ޓީމަށްވެސް ކުޅުނު ފާރޫކް ބުނީ، ރާއްޖޭން ހުނަރުވެރި ކުޅުންތެރިން ފެނުނު ނަމަވެސް، ފުޓްސަލް ކުރިއަރުވަން ކުޅިވަރަށް ބޮޑަށް އަހުލުވެރިވާން ޖެހޭ ކަމަށެވެ.

"ރާއްޖޭގެ ފުޓްސަލްގައި ފެންނަނީ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް. އެކަމަކު އެ ކުޅުންތެރިންނަށް ފުޓްސަލްގެ ފުރިހަމަ މައުލޫމާތު ބޭނުންވޭ. އެއީ މިނީ ފުޓުބޯޅައާއި ފުޓްސަލްއަކީ މުޅިން ތަފާތު ކުޅިވަރަކަށްވާތީ. އަހަރެމެން މި ކުޅޭ ދަނޑުތަކަށް ވިސްނާލަން ޖެހޭ. އަސްލު ފުޓްސަލްއަކީ އިންޑޯގައި ކުޅޭ ކުޅިވަރެއް. އަހަންނަށް ހީވަނީ މި ކުޅުންތެރިންގެ ކުޅުން ވަރަށް ރަނގަޅުވާނެހެން،" އޭނާ ބުންޏެވެ.

ރާއްޖޭގެ ފުޓްސަލް ޓީމުން ކުރަމުންދާ ފަރިތަކުރުންތަކުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ކޯޗު ފާރޫކް ބުނީ ސާފުން މުޅިން އަލަށް ބާއްވާ ފުޓްސަލް މުބާރާތް ކާމިޔާބުކުރުމަކީ އޭނާގެ ޓާގެޓް ކަމަށެވެ. އެކަމަށް މަސައްކަތް ކުރަމުންދާ އިރު، މިވަގުތު ޓީމުތައް ދާދި ހަމަހަމަވާނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

"އަހަރެން އުންމީދު މިކުރަނީ މުބާރާތް ކާމިޔާބުކުރުމަށް. އެއީ މުބާރާތުގެ ހުރިހާ ޓީމެއްވެސް ދާދި އެއް ފެންވަރެއްގައި އޮތުމުން. މިއީ ސާފްގެ އެންމެ ފުރަތަމަ ފުޓްސަލް މުބާރާތަށްވުމުން އެކަން މުހިއްމު.

ފާރޫކް ބުނީ ރާއްޖެއަކީ ފުޓްސަލްގެ މުސްތަގުބަލެއް އޮތް ގައުމެއް ނަމަވެސް، މިވަގުތަށް އިންޑޯ ދަނޑުތައް މަޖުބޫރު ކަމަށެވެ. އަދި އޭގެ އިތުރުން ކޯޗުންނަށް އިތުރު ތަމްރީނުތައް ބޭނުންވާ ކަމަށެވެ.