އެފްރިކާގެ ގައުމުތަކުން ވާދަކުރާ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސް 2026 ގެ ގްރޫޕް އޭގެ އެއްވަނަ މޮރޮކޯ ހޯދި އިރު، ދެކުނު އެފްރިކާއާއި މާލީންވެސް ގަދަ 16 ޔަގީން ކޮށްފިއެވެ.
މުބާރާތުގައި ރޭ ކުޅުނީ ގްރޫޕް އޭ އާއި ގްރޫޕް ބީގެ ފަހު މެޗުތަކެވެ. ގްރޫޕް އޭގައި ހޯސްޓް މޮރޮކޯއިން ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ އިރު، ރޭ އެޓީމުން ޒެމްބިއާ ބަލިކުރީ 3-0 އިންނެވެ.
އަނިޔާގެ ސަބަބުން ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗު ނުކުޅެ ހުރި އަޝްރަފް ހަކީމީ ރޭގެ މެޗުގައި ފެނިގެން ގޮސްފައިވާ އިރު، ރޭގެ މެޗުގެ ތަރިއަކީވެސް އައްޔޫބު އެލް ކާބީއެވެ. އޭނާގެ ދެ ގޯލު ފެނިގެން ގޮސްފައިވާ އިރު، އިތުރު ބައިސްކަލް ކިކް ގޯލެއް ފެނިގެން ދިޔައެވެ.
މޮރޮކޯއިން ކުޅުނު ފުރަތަމަ މެޗުގައިވެސް ކާބީގެ ބައިސްކަލް ކިކް ގޯލެއް ފެނިގެން ގޮސްފައިވެއެވެ.
މޮރޮކޯއިން ރޭގެ މެޗުގައި ޖެހި އަނެއް ގޯލަކީ ބްރަހީމް ޑިއާޒް ޖަހައިދިން ގޯލެކެވެ.
އެ ގްރޫޕުން ދެން ގަދަ 16 ޔަގީންކުރި މާލީން ކޮމޮރޯސްއާ އެއްވަރުކުރީ 0-0 އިންނެވެ. މާލީން އެ ޕޮއިންޓް ހޯދީ އަމަޑޫ ހައިދަރާއަށް 88 ވަނަ މިނެޓުގައި ރަތް ކާޑުވެސް ދައްކާފައި ވަނިކޮށެވެ.
މޮރޮކޯއިން ތިން މެޗުން ހަތް ޕޮއިންޓާއެކު އެއްވަނަ ހޯދި އިރު، މާލީއަށް ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވެއެވެ. ދެން އޮތް ޒެމްބިއާއާއި ކޮމޮރޯސްއަށްވެސް ލިބުނީ ދެ ޕޮއިންޓެވެ.
ގްރޫޕް ބީގައި މިސްރުން 0-0 އިން އެންގޯލޯއާ އެއްވަރުވި އިރު، މިސްރަށް އެއްވަނަ ޔަގީންވީވެސް ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ.
އެ ގްރޫޕުގައި ރޭ ދެކުނު އެފްރިކާއިން ޒިމްބާބުވޭ ކައިރިން 3-2 އިން މޮޅުވެ ގަދަ 16 ޔަގީންކުރި އިރު، ދެކުނު އެފްރިކާ މޮޅުވީ 82 ވަނަ މިނެޓުގައި ގޯލް ޖަހައިގެންނެވެ.
ރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި ދެކުނު އެފްރިކާގެ ޝެޕަންގް މޮރޭމީ އެޓީމަށް ލީޑު ނަގައިދިން ނަމަވެސް، 19 ވަނަ މިނެޓުގައި ޒިންބާބުވޭއިން އެއްވަރުކުރިއެވެ. އެ ގޯލް ޖެހީ ޓަވާންޑާ މަސްވަންހައިސްއެވެ.
ދެވަނަ ހާފު ފެށިގެން ލައިލް ފޯސްޓް، ދެކުނު އެފްރިކާއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިން ނަމަވެސް، 73 ވަނަ މިނެޓުގައި އަނެއްކާވެސް މެޗު އެއްވަރުވިއެވެ. އެއީ އޮބްރޭ މަފޯސާ މޮޑީބާ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.
މެޗުން ދެކުނު އެފްރިކާ މޮޅުކޮށްދިން ގޯލު ޖެހީ އޮސްވިން އަޕޯލިސްއެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން