ހުޅުމާލެއިން، ފުލުހުން ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 105 އުޅަނދެއް ދޫކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލޭގެ ހުސްބިންތަކާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ޕާކޮށްފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފުލުހުން ވަނީ ހުޅުމާލެއިން 787 އުޅަނދެއް ޓޯކޮށްފައެވެ.

ފުލުހުން މިމަހުގެ 11 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޓޯކުރި އުޅަނދުތަކުގެ ތެރެއިން އެ އުޅަނދެއްގެ ވެރިފަރާތުން ދައްކަންޖެހޭ ޓްރެފިކް ޖޫރިމަނާތައް ދެއްކުމަށްފަހު ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނަށް ދިއުމުން، ފުލުހުން ދޭ ސްލިޕްކޮޅު ހިފައިގެން ތިލަފުއްޓަށް ދިއުމުން އުޅަނދު ދޫކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

ފުލުހުން މިއަދު ބުނީ ޓޯކުރި 105 އުޅަނދު ދޫކޮށްފައިވަނީ އުޅަނދުތައް ދޫކުރުމުގެ ކުރިން އުޅަނދުުގެ ވެރިފަރާތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނޫގެ ދަށުން ނުވަތަ އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާއެއް އޮތްނަމަ، އެ ޖޫރިމަނާއެއް ބަލައިގަތުމަށް ކަނޑައަޅާފައިވާ އިދާރާއަށް ޖޫރިމަނާގެ ފައިސާ ދެއްކިކަމުގެ ލިޔުމާއި ރަޖިސްޓްރީކޮށްފައިވާ ޒޯނަށް ގެންދިއުމަށް ޔަގީންކުރާ ލިޔެކިޔުން ހުށަހަޅާފައިވޭތޯ ބެލުމަށްފަހުގައި ކަމަށެވެ.

އަދި ރަޖިސްޓްރީނުކުރާ އުޅަނދެއްނަމަ އުޅަނދު ވަގުތީގޮތުން ބޭއްވުމަށް ބޭނުންވާ ތަނުގެ ވެރިފަރާތުގެ ލިޔުމަކާއި، ޓްރާންސްޕޯޓް މިނިސްޓްރީން ވަކި ގަރާޖަކަށް ހުއްދަ ނަގައިގެން އެތެރެކޮށްފައިވާ އުޅަނދެއްނަމަ، އެ ގަރާޖަށް ގެންދިއުމަށް ކަށަވަރުކުރާ ލިޔެކިޔުން ހުށަހެޅުމުން އެ އުޅަނދެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.