ފުލުހުންނަށް އިންޒާރުދީ، ފުލުހެއްގެ ކަރުގައި ހިފިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، ނޫރު، އަލީ ޝާހީމް 27އ އެެވެ.

ފުލުހުންގެ ދައުރަށް ހުރަސްއެޅުމުގެ މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވާ އިރު، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހައިފައެވެ.

އޭނާގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާ ވަނީ ސީނަށް ދިޔަ ފުލުހުންނާ ކުރިމަތިލައި ފުލުހުންނަށް އިންޒާރުދީ އަދި ފުލުހެއްގެ ކަރުގައި ހިފައިފައެވެ. ނަމަވެސް ކޯޓުގައި އޭނާ ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.