އަންނަ މަހު ތައިލެންްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފަރިތަކުރުންތަކަށް ގައުމީ ފުޓްސަލް ޓީމުން ޗައިނާއަށް ފުރަން ތައްޔާރުވެއްޖެއެވެ.
އުޒްބެކިސްތާންގެ ކޯޗު ފާރޫކް ޒަކިރޯވްގެ ބެލުމުގެ ދަށުން ގައުމީ ފުޓްސަލް ޓީމުން ތަމްރީނުތައް ކުރަމުންދާ އިރު، ފުރަތަމަ ޕްރެކްޓިސް ފެށީ 40 އަށްވުރެ ގިނަ ކުޅުންތެރިންނާއެކުގައެވެ. އޭގެ ފަހުން 25 ކުޅުންތެރިންނަށް ސްކޮޑު ކުޑަކޮށްފައިވާ އިރު، މިހާރު ވަނީ 17 ކުޅުންތެރިންގެ ސްކޮޑު އެކުލަވާލައިފައެވެ.
ޗައިނާއަށް ޓީމު ފުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. ޓީމުގެ ތަމްރީނު ކޭމްޕަކީ ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއާއި ޗައިނާގެ ފުޓުބޯޅަ އިދާރާގެ އެހީތެރިކަމާއެކު ރާވާފައިވާ ކޭމްޕެކެވެ.
ގައުމީ ޓީމުން ޗައިނާއަށް ފުރުމުގެ ކުރިން މިއަދު އެމްބަސީގެ ފަރާތުން ޓީމާ ބައްދަލުކޮށްފައިވެއެވެ.
ސާފުން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ޖެނުއަރީ 13-26 އަށް ކުރިއަށްދާނީ ތައިލެންޑުގެ ނޮންތަންބުރީގައެވެ. އެ މުބާރާތުގައި ހަތް ޓީމުން ވާދަކުރާނެއެވެ. މުބާރާތް ލީގު އުސޫލުން ކުރިއަށްދާ އިރު، ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ޕާކިސްތާނާއި ބަންގްލަދޭޝް، އިންޑިއާ، ނޭޕާލްގެ އިތުރުން ބޫޓާނާއި ސްރީ ލަންކާއެވެ.
މުޙައްމަދު ޝަމްޢޫން
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް