އެފްރިކާގެ ގައުމުތަކުން ވާދަކުރާ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސް 2026 ގެ ގްރޫޕް ސްޓޭޖުގައި ރޭ ނައިޖީރިއާއިން ޓިއުނީޝިއާ ބަލިކުރި އިރު، ސެނެގާލުން ޑީއާރް ކޮންގޯއާ އެއްވަރުވެއްޖެއެވެ.
ގްރޫޕް ބީގައި ރޭ ސެނެގާލުން ކޮންގޯއާ އެއްވަރުވީ 1-1 އިންނެވެ. އެ ގްރޫޕުގައި ރޭ ބެނިން ވަނީ އެފްރިކާ ކަޕްގައި އެގައުމުން ހޯދި ފުރަތަމަ މޮޅު ހޯދައިފައެވެ. އެއީ ބޮޓްސްވާނާ ކައިރިން 1-0 އިން މޮޅުވެގެންނެވެ.
ކޮންގޯއިން ރޭ ތާރީހީ މޮޅަކަށް މަސައްކަތް ކޮށްފައިވާ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ލީޑު ނެގީވެސް އެޓީމުންނެވެ. ސެޑްރިކް ބަކުންބޫގެ ގޯލުން ކޮންގޯ ލީޑު ނަގާފައިވާ އިރު، އެޓީމުން މަސައްކަތް ކުރީ 1969 ވަނަ އަހަރަށްފަހު ސެނެގާލް ބަލިކުރުމަށެވެ.
އެހެން ނަމަވެސް، ސަޑިއޯ މާނޭގެ ގޯލުން ޕޮއިންޓެއް ހޯދައި، ސެނެގާލުން ވަނީ ގްރޫޕްގެ އެއްވަނަ ދަމަހައްޓައިފައެވެ. އެއީ ދެމެޗުން ހަތަރު ޕޮއިންޓާއެކުގައެެވެ. ދެވަނައިގައި އޮތް ކޮންގޯއަށްވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވާ އިރު، ދެޓީމުގެ ފަރަގަކީ ފައިދާ ގޯލެވެ.
ގްރޫޕް ސީން ނައިޖީރިއާ ގަދަ 16 ޔަގީންކުރީ ރޭ ޓިއުނީޝިއާ ކައިރިން 3-2 އިން މޮޅުވެގެންނެވެ. މެޗުގައި ފުރަތަމަ ތިން ގޯލް ޖެހީވެސް ނައިޖީރިއާއިންނެވެ.
ވިކްޓޯ އޮސިމެންއާއި ވިލްފްރެޑް އެންޑީޑީ އަދި އަޑެމޯލާ ލުކްމަންގެ ގޯލްތަކުން ނައިޖީރިއާ ބޮޑު ލީޑެއްގައި އޮއްވާ، ޓިއުނީޝިއާގެ މޮންތަސިރު ތަލްބީ އަދި އަލީ އަބްދީ ޖެހި ގޯލްތަކުން މެޗުގެ ފަހުކޮޅު ފޯރިގަދަވިއެވެ.
އެ ދެގޯލާއެކުވެސް ޕޮއިންޓެއް ނުލިބި، ޓިއުނީޝިއާ މިވަގުތު އޮތީ އެ ގްރޫޕްގެ ދެވަނައިގައެވެ. އެއީ ދެމެޗުން ތިން ޕޮއިންޓާއެކުގައެވެ. އެ ގްރޫޕުގައި ރޭ ޓަންޒޭނިއާއާއި ޔުގަންޑާ އެއްވަރުވި އިރު، އެއްވަނައިގައި ނައިޖީރިއާ އޮތީ ދެމެޗުން ހަ ޕޮއިންޓާއެކުގައެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން