ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ކުރި 100 އަށް ވުރެ ގިނަ ދައުވާގެ ތެރެއިން 94 ދައުވާއެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.
މަންޑޭގެ މައްޗަށް ކުރި ދައުވާގައި އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ނިންމީ ފުލުހުުންގެ ބެލުމުގެ ދަށުން މަންޑޭ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްގެންނެވެ.
މި މައްސަލަތަކުގެ ހުކުމްކުރުމުގެ ޝަރީއަތް މިދިޔަ ބުރާސްފަތި ދުވަހަށް ތާވަލުކުރި ނަމަވެސް، މަންޑޭ ހާޒިރު ނުވުމުން އެ ދުވަހުގެ އަޑުއެހުން ކުރިއަކަށް ނުގެންދެވުނެވެ. އެހެންކަމުން މިއަދުގެ އަޑުއެހުން ބޭއްވީ މަންޑޭ ހާޒިރުކުރަން ފުލުހުންގެ މައްޗަށް ކޯޓުން ކުރި އަމުރަކާ ގުޅިގެން ފުލުހުން އޭނާ ހޯދައި ކޯޓަށް ހާޒިރުކޮށްގެންނެވެ.
މި މައްސަލަތަކަކީ މއ. އެރަލްސީ، ހަސަން މަމްދޫހް އާއި އިތުރު ބަޔަކު ބައިވެރިވެގެން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މެޖޯރިޓީ ހިއްސާދާރުކަމުގައިވާ ޗައިނާ، ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ލިޔެކިޔުންތަކެއް ހަދައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އެކައުންޓް ހުޅުވައި ހަންބޯ ކޮމްޕެނީގެ ފަރާތުން ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާކުރަމުންދާ އިމާރާތުގެ އެޕާޓްމަންޓްތައް އޮޅުވާލާއިގެން މަކަރާއި ހީލަތުން އާއްމު ފަރާތްތަކަށް ވިއްކައި ބައެއް އެޕާޓްމަންޓްތައް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަށް އެ ފައިސާއަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާކޮށްފައިވާ މައްސަލަތަކެކެވެ.
މި މައްސަލަތަކުގައި މަންޑޭގެ މައްޗަށް ސާބިތުވި ދައުވާތައް:
- ޓެކުން (46 ދައުވާ)
- އޮޅުވާލުމުގެ އަމަލެއް ކުރުން (44 ދައުވާ)
- މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުން (3 ދައުވާ)
- މަނީ ލޯންޑްރިން (1 ދައުވާ)
މި މައްސަލައިގައި ހިމެނޭ ޖައިޝާން ސައީދުގެ މައްޗަށް ސާބިތުވި ދައުވާތައް:
- ޓެކުމުގައި ބައިވެރިވުން (45 ދައުވާ)
- އޮޅުވާލުމުގެ އަމަލެއް ކުރުން (40 ދައުވާ)
- މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުން (3 ދައުވާ)
- މަނީ ލޯންޑާކުރުމަށް އެހީތެރިވުން (1 ދައުވާ)
އެ މައްސަލައިގައި ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެފައިވާތީ، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ އެފްޑަބްލިއު ރެޒިޑެންސްގެ ނަންބަރު: 02-13 (އޭރިއާ 2597.58) އެޕާޓްމަންޓާއި، އެޕާޓްމަންޓާ ގުޅިފައިވާ ބޭސްމަންޓް (02-13) ޕާކިން ސްލޮޓް ދައުލަތަށް ނެގުމަށް ވަނީ ނިންމައިފައެވެ.
މި ދައުވާތަކާ ގުޅިގެން އަދަބު ކަނޑައެޅުމުގެ އަޑުއެހުން މިމަހުގެ 30 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.
ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމާ ގުޅިގެން ދައުވާ ލިބޭ މީހުން ވަނީ އަދަބު ކަނޑައެޅެންދެން ބަންދުކޮށްފައެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ