އެފްރިކާގެ ގައުމުތަކުން ވާދަކުރާ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސް 2026 ގެ ގްރޫޕް ސްޓޭޖުގައި ރޭ މާލީން މޮރޮކޯ ހިފަހައްޓާފައިވާ އިރު، މިސްރުން ދެކުނު އެފްރިކާވެސް ބަލިކޮށް، ގްރޫޕްގެ އެއްވަނަ ޔަގީން ކޮށްފިއެވެ.

ގްރޫޕް އޭގައި މޮރޮކޯ ކައިރިން މާލީ އެއްވަރުކުރީ 1-1 އިންނެވެ. ގްރޫޕް ބީގައި މިސްރުން ދެކުނު އެފްރިކާ ބަލިކުރީ 1-0 އިންނެވެ. އެ ގްރޫޕްގައި ރޭ އެންގޯލާއާއި ޒިމްބާބުވޭ 1-1 އިން އެއްވަރުވުމުން މިސްރަށް ވަނީ އެއްވަނަ ޔަގީން ކޮށްފައެވެ.

މިސްރުން މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެ، ހަ ޕޮއިންޓް ހޯދާފައިވާ އިރު، އެ ގްރޫޕުގައި ދެން މޮޅެއް ހޯދާފައި އޮތީ ދެކުނު އެފްރިކާއެވެ.

މިސްރުން ގަދަ 16 ޔަގީންކުރި މެޗުގައި އެޓީމުން ޖެހި ހަމައެކަނި ގޯލް ޖަހައިދިނީ މުހައްމަދު ސަލާހެވެ. ކުރިން މެޗުގައިވެސް މޮޅުވި ގޯލް ޖެހި ސަލާހް، ރޭ ޖެހި ގޯލަކީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. ޕެނަލްޓީ ލިބުނީވެސް ސަލާހަށް ކުރި ފައުލަކުންނެވެ.

މިސްރުން ރޭގެ މެޗުގެ ފަހު ހާފު އެއްކޮށް ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މުހައްމަދު ހަނީއަށް ރަތް ކާޑު ދެއްކުމުންނެވެ.

މޮރޮކޯއިން މާލީއާ އެއްވަރުވި މެޗުގައި ބްރަހީމް ޑިއާޒްގެ ޕެނަލްޓީން އެޓީމު ލީޑު ނެގި ނަމަވެސް، ދެވަނަ ހާފުގައި އެއްވަރުވީ ލަސީން ސިނަޔޯކޯގެ ޕެނަލްޓީންނެވެ.