އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފިއެވެ.

ރޭ އަމިއްލަ ދަނޑުގައި 1-0 އިން ޔުނައިޓެޑް މޮޅުވި އިރު، މެޗުގެ ހަމައެކަނި ގޯލް ޖެހީ ޕެޓްރިކް ޑޯގޫއެވެ. އެ ގޯލަކީ ޔުނައިޓެޑް ޖާޒީގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ.

އަނިޔާގައި ހުރި ބްރޫނޯ ފެނާންޑޭޒްއާ ނުލައި ޔުނައިޓެޑުން ރޭގެ މެޗަށް ނުކުތް އިރު، މެޗުގެ ކުރީކޮޅުގައި ދެޓީމުންވެސް ފުރުސަތުތައް ތަނަވަސްކުރިއެވެ. ކަސެމީރޯއާއި ބްރޫނޯ ގިމަރޭޝްގެ ހަމަލާތައް ފެނުނު އިރު، ހަމައެކަނި ގޯލް ފެނުނީ 24 ވަނަ މިނެޓުގައެވެ.

އޭރިއާ ތެރެއިން ނިއުކާސަލްގެ ފޯވަޑް ނިކް ވޮލްޓެމާޑޭ ސާފުކޮށްލަން ޖައްސާލި ބޯޅަ، ވައިގެ ތެރޭގައި އޮއްވާ ޑޯގޫ އަމާޒުކޮށްލީ ސީދާ ކަނަށެވެ.

އޭގެފަހުންވެސް މެޗުގައި ފުރުސަތުތައް ފެނިގެން ގޮސްފައިވާ އިރު، ބެންޖަމިން ޝެސްކޯ ހަނި އެންގަލަކުން ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ. އަދި އަނެއްކޮޅުން ލެވިސް ހޯލްގެ ހަމަލާއެއްވެސް ދަނޑިއަށް އަމާޒުވިއެވެ.

މެޗުގެ 73 ވަނަ މިނެޓުގައި ޑިއޭގޯ ޑަލޯއަށް ހުސް ފުރުސަތެއް ލިބުުނު ނަމަވެސް، އޭނާގެ ހަމަލާ ގޯލަށް އަމާޒުކޮށްލެވޭ ގޮތެއް ނުވެއެވެ.

ރޭގެ މޮޅަކީ 2022 ވަނަ އަހަރަށްފަހު ފެނާންޑޭޒްއާ ނުލައި ޔުނައިޓެޑުން ހޯދި ފުރަތަމަ މޮޅެވެ. ޔުނައިޓެޑުން މިވަގުތު ފަސްވަނައިގައި އޮތީ 18 މެޗުން 29 ޕޮއިންޓާއެކުގައެވެ. ނިއުކާސަލް 11 ވަނައިގައި އޮތް އިރު، އެޓީމަށް 18 މެޗުން 23 ޕޮއިންޓް ލިބިފައިވެއެވެ.