ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އެ ކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާއި އެ ކޯޓުގެ ފަނޑިޔާރުކަން 10 އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވި އަބްދުއްރައޫފު އިބްރާހިމް ކުރިމަތިލައްވައިފިއެވެ.
ހައިކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ ދެ ގޮނޑި ހުސްވީ އެ ކޯޓުގައި ގިނަ ދުވަހު މަސައްކަތްކުރެއްވި ފަނޑިޔާރު މުހައްމަދު ނިޔާޒު މިމަހުގެ ނުވަވަނަ ދުވަހު ރިޓަޔާކުރެއްވުމާއި، އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އިސްތިއުފާދެއްވުމާ ގުޅިގެނެވެ.
ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 21 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.
އެ މަގާމަށް ކުރިމަތިލެއްވި އިރު ރައޫފަކީ ސުލޫކީ މައްސަލައެއް ބަލައި މަގާމުން ވަކިކުރަން ނިންމުމުން ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ. ރައޫފް ވަނީ ޕީއެންސީގެ ޓިކެޓުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކެޔޮދޫ ދާއިރާއަށް ވާދަކުރައްވައިފައެވެ. ނަމަވެސް އެ އިންތިހާބު އޭނާއަށް ވަނީ ނާކާމިޔާބުވެފައެވެ.
ޝުޖާއުއަކީ އޭނާއާ ދެކޮޅަށް ސްލޫކީ މައްސަލައެއް ސާބިތުވެ، މަގާމުން ވަކިކުރަން ނިންމުމުން ފަނޑިޔާރުގެ މަގާމުން އިސްތިއުފާދެއްވި ބޭފުޅެކެވެ. ޝުޖާއުވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށްވެސް ކުރިމަތިލައްވައިފައެވެ. އޭގެކުރިން އޭނާ ވަނީ ހައިކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށްވެސް ކުރިމަތިލައްވައިފައެވެ.
މުހައްމަދު އިޝާން
ހައިކޯޓު
ހައިކޯޓު
ހައިކޯޓު