މިދިޔަ އޮކްޓޫބަރު މަހު ވަނީ މުޅި އައްޑޫގެ ކައުންސިލްގެ ހިންގުމުގެ ނިޒާމު ބަދަލުކޮށްފައެވެ. 15 އަހަރު ދުވަހު އައްޑޫގެ ހިންގުން އޮތީ އައްޑޫ ކައުންސިލްގެ ދަށުގައެވެ. ނަމަވެސް އެ ސިޓީގެ ރައްޔިތުން ނުކުމެ ވަނީ އެކަން ބަދަލުކޮށްފައެވެ.

އައްޑޫ ސިޓީގެ އެންމެ ބޮޑު އާބާދީ، ހިތަދުއަށް އިދާރީ ގޮތުން ބޮޑު ކޮންޓްރޯލެއް ލިބޭ ގޮތަށް އޮންނަ ސިޓީ ކައުންސިލުން ވަކިވުމަށް، މީދޫ އާއި ހުޅުދޫގެ ބައެއް ރައްޔިތުން މަސައްކަތް ކުރާތާ ވަރަށް ޒަމާންވެއްޖެއެވެ. ނަމަވެސް އެކަން މި ހުރިހާ ދުވަސްވީ އިރުވެސް އޮތީ ހާސިލުނުވެފައެވެ. އައްޑޫގައި ނުގުޅި އޮތް ހަމައެކަނި ދެ ރަށް ކަމަށްވާ މީދޫ އާއި ހުޅުދޫ ރައްޔިތުން ބުނާ ގޮތުން އެއީ އެ ދެރަށަށް ހަގީގީ ބާރުވެރިކަން ހޯދަން ކުރާ މަސައްކަތެކެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުގެ އައްޑޫ ސިޓީގެ ތިން ރަށެއްގެ ރައްޔިތުންގެ މެދުގައި ނެގި ހިޔާލު ހޯދުމުގެ ވޯޓަކީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތް ބަދަލުކޮށް، އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނެގި ވޯޓެކެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން އާއްމުކުރި ދާއިމީ ނަތީޖާ ދައްކާ ގޮތުން ފޭދޫ ރައްޔިތުން ނިންމީ، އައްޑޫ ސިޓީ ކައުންސިލާއެކުގައި ދެމި އޮތުމަށެވެ. ނަމަވެސް އައްޑޫގެ ހުޅުދޫ އާއި މީދޫ ރައްޔިތުން ނިންމީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށުގައި ވަކިވަކި ކައުންސިލްތަކެއް އުފެއްދުމަށެވެ. އެގޮތުން ފޭދޫން ކައުންސިލުން ވަކިވާން ފެންނަ ކަމަށް ވޯޓު ދިނީ 616 މީހެކެވެ. ނުފެންނަ ކަމަށް 1784 މީހުން ވޯޓު ދީފައިވެއެވެ. މީދޫން ފެންނަ ކަމަށް ވޯޓު ދިނީ، 847 މީހެކެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 144 މީހުންނެވެ. ހުޅުދޫން ފެންނަ ކަމަށް 723 މީހުން ވޯޓުދިން އިރު ނުފެންނަ ކަަމަށް 329 މީހުން ވޯޓު ދީފައިވެއެވެ.

މި ބަހުސް ހިނގާތާ އެތަކެއް އަހަރެއް؟

އައްޑޫގައި ނުގުޅި އޮތް ހަމައެކަނި ދެ ރަށް ކަމަށްވާ މީދޫ އާއި ހުޅުދޫ ރައްޔިތުން، ކައުންސިލުން ވަކިވާން އެދި ސަރުކާރުތަކުގައި އެދެމުންދާތާ ވަނީ ދުވަސްތަކެއްވެފައެވެ. އެ ދެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ "ބާކީ ކޮށްލާފައި" އޮތް އޮތުން ނިމުމަކަށް ގެނައުމެވެ. އެގޮތުން އެންމެ ބޮޑު ޝަކުވާއަކަށްވެފައިވަނީ އަސާސީ ހިދުމަތްތައް ހޯދުމަށް އޮތް ހުރަހެވެ.

އެރަށުން ވާހަކަދެއްކި ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި އެންމެ އާދައިގެ ހިދުމަތްތައް ވެސް ހޯދުމަށް ކަނޑު ހުރަސްކޮށް، ދަތުރުކޮށްގެން ނޫނީ އެ ހިދުމަތްތައް ލިބެން ނެތުމަކީ އެ ދެ ރަށަށް ބާކީ ކޮށްލާފައި އޮންނަ ކަމުގެ ހެއްކެކެވެ. އެއް ކައުންސިލެއްގެ ދަށުގައި 15 އަހަރު ދުވަހު ވީ އިރުވެސް އެ ދެ ރަށުން އަސާސީ ހިދުމަތްތައް މިއަދާ ހަމައަށްވެސް އެދެވޭ ގޮތެއްގައި ލިބެން ނެތުމަކީ އެ ދެ ރަށުގެ ރައްޔިތުން ވަކި ކައުންސިލެއް ބޭނުންވި އެންމެ ބޮޑު އެއް ސަބަބެވެ.

ނަމަވެސް މި ބަހުސާ ދެކޮޅު މީހުން ދެކޭ ގޮތުގައި މިއީ އައްޑޫ އެކަތިގަނޑެއްގެ ގޮތުގައި އޮތް އޮތުމަށް އޮތް ހުރަހެކެވެ. "ވަން އައްޑޫ" އަށް މިކަމުގެ ސަބަބުން އަސަރު ކުރާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. މިއީ އައްޑޫގެ ތަރައްގީއަށް ވެސް އޮތް ހުރަހެއް ކަމަށް ދެކެއެވެ.

ހުޅުމީދޫ ---

އެކަމަކު އެ ދެ ރަށުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ވަކި ކައުންސިލެއް އޮތުމުން ލިބޭ ގްރޭންޓް ވެސް ބޮޑުވެ، ވަކި ވަކި ތަރައްގީއަށް ފުރުސަތު ބޮޑުވެގެންދާނެއެވެ. އަދި އައްޑޫއަށް އަންނަންޖެހޭ ތަރައްގީ މާ ފުރިހަމަ ގޮތެއްގައި އަންނާނެ ކަމަށް ވެސް ގަބޫލު ކުރެއެވެ.

ކޮންމެއަކަސް މިއަދު މިވަނީ އެ ދެ ރަށުގެ ރައްޔިތުން އައްޑޫގެ ދުވަސްވީ ކައުންސިލް ސިސްޓަމުން ވަކިވެ، ވަކި ދެ ކައުންސިލަކަށްވެފައެވެ. ދެން އޮތީ އެ ދެ ރަށުގެ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ނަތީޖާ ނެރެދެވޭނެ ގޮތްތައް ބައްޓަންވެގެން ދިއުމެވެ. އެގޮތުން އިހުތިސޯސް ބަހައި ދެ ކައުންސިލް ބާރުވެރި ކުރެވޭނެ ގޮތްތައް ކަނޑައެޅުމެވެ. އެކަމަށް ރައީސް ވަނީ ވަރަށް ތަފްސީލީ ގޮތެއްގައި ޖަވާބުދެއްވައިފައެވެ.

ނަމަވެސް ދެ ރަށުގައި ކައުންސިލް އުފެދިގެން އަންނައިރު ދެ ރަށުގެ އިހުތިސޯސް ނުވަތަ އިން ވަކިކުރާނެ ގޮތަކާމެދު އޮޅުންތަކެއް އަރައިފާނެ ކަމަށާއި އެކަން މިއަދު ސާފުކޮށްދެއްވަން ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ރައީސް ވިދާޅުވެފައިވަނީ "ކުރީ ޒަމާނުއްސުރެ ހުޅުދޫ އަދި މީދޫ ހިނގަމުން އައި ގޮތަކީ އަޅުގަނޑުމެން ވެސް ކުރިއަށް ގެންދާނެ ގޮތަކީ" ކަމަށެވެ.

"ރަސްމީކޮށް ދެ ރަށުގެ އިން މި މަގުން ވަކިކުރެވިފައި ނެތް ކަމުގައި ވިޔަސް މި ދެ ރަށުގެ ރަށު އޮފީސް ހިންގި ދުވަސްވަރު ދެ ރަށުގައި އޭރު ތިއްބެވި ވެރިންގެ މެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ހުޅުދޫ އޮފީހުގެ އިދާރީ ހިންގުން މިންކުރެވިފައި އޮތީ އާބާދު މަގުގެ ދެކުނު ފަޅިއާ ހަމައަށް. މީދޫ އޮފީހުގެ ހިންގުން މިންކުރެވިފައި އޮތީ އާބާދު މަގުގެ އުތުރު ފަޅިިއާ ހަމައަށް" ރައީސް ވިދާޅުވެފައިވެއެވެ.

5 ނޮވެމްބަރ 2025، މާލެ، ރައީސް ޑރ.މުހައްމަދު މުއިއްޒު އައްޑޫ އަތޮޅު މަރަދޫ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި އައްޑޫ ސިޓީ ކައުންސިލް އުފެދުނު ފަހުންވެސް ދެ ރަށުގެ އިން ވަކިކުރުމުގައި ބަލަމުން އައީ އެގޮތް ކަމަށެވެ. އެގޮތުން "ހުޅުދޫ ކައުންސިލާއި މީދޫ ކައުންސިލްގެ އިހުތިސޯސް ކަނޑައެޅުމުގައި އިމެއްގެ ގޮތުގައި ސަރުކާރުން ބަލާނީ މެދު ބަނދަރަށް ދާ މަގުގެ ހުޅަނގު އުތުރު ފަޅިން ފެށިގެން ގޮސް ސ. އަތޮޅު މަދުރަސާގެ ދެކުނު އޮތް އާބާދު މަގު ސީދާ އިރަށް ދަމާލުމުން އެ މަގު ގޮސް ނިމޭ ހިސާބުގެ އިތުރު ފަޅިއަކީ މީދޫ ކަމަށް. ދެކުނު ފަޅިއަކީ ހުޅުދޫ ކަމުގައި،" ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ވޯޓު ނެގުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް ހުޅުދޫ އާއި މީދޫ ރައްޔިތުން އެ މަނިކުފާނުގެ އަރިހުން އެދިވަޑައިގެންނެވި ގޮތަށް ޒަމާނުއްސުރެ ކުރިމަތިވަމުން އަންނަ ބާކީ ކުރުމާއި ނިކަމެތިކަމަށް ނިމުމަކަށް ގެނައުން ކަމަށެވެ. އެގޮތުން އެކަމަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށް އެ މަނިކުފާނަށް ފެނިވަޑައިގަންނަވާތީ ގާނޫނެއްގެ ތެރެއިން ފެންނަ ނުފެންނަ ވޯޓެއް ނަގަން ނިންމެވީ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

"އާދެ، މިއީ ފެށުމެއް، މީ އިރާދަކުރެއްވިއްޔާ ތަރައްގީގެ ފެށުން. މި ދެ ރަށުގެ ލޮބުވެތި ރައްޔިތުން މިދިޔަ ގިނަ އަހަރުތަކުގެ ތެރޭގައި އުންމީދުކުރަމުން އައި ނުވެގޮސްފައިވާ، ހާސިލުނުވެފައިވާ ތަރައްގީ ހާސިލުކޮށްދިނުމުގެ ފެށުން ގޮތުގައި އިރާދަކުރެއްވިޔާ އަޅުގަނޑަށް ސިފަކުރެވޭ. އެއީ އެންމެ މުހިންމު އެއް ކަމަކީ އަސާސީ މުނިސިޕަލް ހިދުމަތްތަކާ، ރަށްވެހިކަމުގެ ހިދުމަތްތައް ރައްޔިތުންގެ ގާތުން، ރައްޔިތުން ބޭނުންވާ ގޮތަށް ދެވޭނެގޮތް ފަހިވެގެން ދިޔުން. އެއީ ކޮންމެ ދުވަހަކުމެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން. ރައްޔިތުން އެދޭގޮތަށް އެކަން ފަހިވެފަ އޮތުން،" ރައީސް ވިދާޅުވެފައިވެއެވެ.

ހުޅުދޫ އާއި މީދޫ ރައްޔިތުން ވަކި ކައުންސިލެއް އުފައްދަން މިހާރު މިވަނީ ނިންމައިފައެވެ. އެހެންކަމުން ކުރިއަށް އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުދޫ އަދި މީދުއަށް ވަކި ކައުންސިލެއް ރައްޔިތުން އައްޔަން ކުރާނެއެވެ. އެހާ ހިސާބުން ފެށިގެން ރަސްމީކޮށް ދެ ރަށުގައި ކައުންސިލް ގާއިމުވެގެންދާނެއެވެ.