އެފްރިކާގެ ގައުމުތަކުން ވާދަކުރާ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސް 2026 ގެ ގްރޫޕް ސްޓޭޖުގައި ރޭ އަލްޖީރިއާގެ އިތުރުން އެންމެފަހުގެ ޗެމްޕިއަން އައިވޮރީ ކޯސްޓާއި ކެމަރޫނުންވެސް މޮޅުވެއްޖެއެވެ.

އަލްޖީރިއާއިން ރޭ ގްރޫޕް އީގައި ކުޅުނު މެޗުގައި ސޫދާން ކައިރިން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ރިޔާދު މަހްރޭޒް ދެ ގޯލް ޖެހި އިރު، އެޓީމުގެ އަނެއް ގޯލް ޖެހީ އިބްރާހީމް މާޒާއެވެ.

އަލްޖީރިއާއަށް މެޗު ފަސޭހަ ވެގެން ދިޔައީ ސޫދާންގެ ސަލާހް އާދިލަށް ފުރަތަމަ ހާފުގައި ރަތް ކާޑު ދެއްކުންނެވެ.

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ މިދިޔަ ދެ މުބާރާތުންވެސް އަލްޖީރިއާ ގްރޫޕް ސްޓޭޖުން ކަޓައިގެން ގޮސްފައިވާ އިރު، އެ ނަތީޖާތަކާއެކު މަހްރޭޒަށް ފާޑު ކިޔުން ބޮޑުވިއެވެ.

މިވަގުތު މަހްރޭޒް ކުޅެމުން ދަނީ ސައުދީ އަރަބިއާގެ އަލް ހިލާލަށެވެ. އޭނާ ރޭގެ މެޗަށްފަހު ބުނީ މުބާރާތަށް ނުކުތީ ބަޔަކަށް ޖަވާބު ދޭން ނޫން ކަމަށާއި، މިވަގުތު ފޯކަސްއަކީ މެޗަކަށްފަހު މެޗަކަށް ފޯކަސް ކޮށް، ކުރިއަށްދާން ކަމަށެވެ.

ރޭގެ މެޗުގައި ޖެހި ގޯލްތަކާއެކު މަހްރޭޒަކީ މިހާރު އަލްޖީރިއާ ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާއެވެ.

އެ ގްރޫޕުގައި ރޭ ބުރްކީނާ ފާސޯ ކުޅުނު މެޗުގައި އިކުއެޓޯރިއަލް ގީނީ ބަލިކުރީ 2-1 އިންނެވެ.

އެންމެފަހުގެ އެފްކޯން ޗެމްޕިއަން، އައިވޮރީ ކޯސްޓުން ގްރޫޕް އެފްގައި ރޭ މޮޒަމްބީގް ކައިރިން މޮޅުވީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ގޯލް ޖަހައިދިނީ މެންޗެސްޓާ ޔުނައިޓެޑްގެ އަމަޑް ޑިއާލޯއެވެ.

އެ ގްރޫޕްގައި ކެމަރޫނުން ގެބޯން ބަލިކުރީ 1-0 އިންނެވެ. ކެމަރޫނުން ގޯލް ޖެހީ އެޓާ އެޔޯންގެވެ.