މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ދަރިވަރުންގެ ބޮޑު ޗުއްޓީ މިއަދު ފެށިއްޖެއެވެ.

މާލެއާއި އަތޮޅުތަކުގެ ހުރިހާ ސްކޫލެއްގައި ވެސް މި ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ރިޕޯޓު ފޮތް ދިނުން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ ކުރިން އޮންނަ ގޮތަށް ޑިސެމްބަރުގައި ބޮޑު ޗުއްޓީ ދަރިވަރުންނަށް މި ލިބުނީ ހަތަރު އަހަރަށް ފަހުއެވެ. ކުރީ ސަރުކާރުން އަހަރުގެ މެދު ތެރޭގައި ދިރާސީ އަހަރު ފަށާ ގޮތަށް ހެދުމުގެ ސަބަބުން ބައެއް ބެލެނިވެރިން އެކަމާ ނުރުހުން ފާޅުކުރުމުން މި ސަރުކާރުން ވަނީ ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރަށް އަލުން ބަންދުކޮށްފައެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށީ، އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުގައެވެ. މި ދިރާސީ އަހަރު ސަރުކާރުގެ 217 ސްކޫލެއްގައި 84،000 އެއްހާ ދަރުވަރުން ކިޔެވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން އަންނަ ދިރާސީ އަހަރު ފެށޭނީ، ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ފުރަތަމަ ޓާމުގެ މިޑް ބްރޭކް މެއި މަހުގެ 24 އިން 30 އަށް ލިބޭއިރު، ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ، ޖުލައި މަހުގެ 17 އިން އޯގަސްޓް މަހުގެ ފުރަތަމަ ދުވަހާއި ހަމައަށެވެ.