ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކަށް ކުޅެމުންދާ ޗެލްސީގެ ފޯވަޑް ނިކޮލަސް ޖެކްސަންގެ ދެ ގޯލާއެކު ސެނެގާލުން މޮޅެއް ހޯދި އިރު، ނައިޖީރިއާއިންވެސް މޮޅަކާއެކު އެފްރިކާ ކަޕް އޮފް ނޭޝަންސް ފަށައިފިއެވެ.

އެފްރިކާ ކަޕް އޮފް ނޭޝަންސް މޮރޮކޯގައި ކުރިއަށްދާ އިރު، ރޭ ކުޅުނީ ގްރޫޕް ސީއާއި ޑީގެ މެޗުތަކެވެ. ގްރޫޕް ސީގައި ނައިޖީރިއާއާއި ޓަންޒޭނިއާއާ ދެކޮޅަށް ނުކުތީ ދަހޭން ބެއިދާ ސްޓޭޑިއަމްގައެވެ.

އެމެޗުން ނައިޖީރިއާ މޮޅުވީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ނައިޖީރިއާގެ ސެމީ އަޖާޔީ ގޯލެއް ޖަހައި ލީޑު ނަގައިދީފައި ވަނިކޮށް، ދެވަނަ ހާފުގެ ކުރީކޮޅުގައި ޓަންޒޭނިއާއިން އެއްވަރުކުރިއެވެ.

ޗާލްސް އެމް މޮމްބުވާ ޖެހި ގޯލުން މެޗު އެއްވަރުވުމާއެކު ނައިޖީރިއާ ހާސްކަމަށް ވެއްޓިފައިވާ އިރު، ނައިޖީރިއާއަށް ވަނީ ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އަކޯރް އެޑަމްސްގެ ހަމަލާއެއް ދަނޑީގައި ޖެހުނު އިރު، ވިކްޓޯ އޮސީމެން ވަނީ ކީޕަރު ނައްޓާފައިވެސް ގޯލަށް ބޯޅަ ވައްދާލަން މަސައްކަތް ކޮށްފައެވެ. އެ ހަމަލާ ޓަންޒޭނިއާ ޑިފެންޑަރު ސާފުކޮށްލީ ރޮނގު މަތިންނެވެ.

ފީފާ ރޭންކިންގެ 112 ވަނައިގައި އޮތް ޓަންޒޭނިއާއިން، ރޭންކިން 38 ވަނައިގައި އޮތް ނައިޖީރިއާ ކައިރިން ރަނގަޅު ހިތްވަރެއް ކުރަމުން ދަނިކޮށް، މެޗުގެ ފަހު ގޯލް ޖެހީ އަޑެމޯލާ ލުކްމަންއެވެ.

ރޭ ސެނެގާލުން، މޮރޮކޯގެ ގްރާންޑް ސްޓޭޓް ޑެ ޓެންގާ ސްޓޭޑިއަމްގައި ބޮޓްސްވާނާ ބަލިކުރީ 3-0 އިންނެވެ.

ދުނިޔޭ ރޭންކިންގެ 138 ވަނައިގައި އޮތް ބޮޓްސްވާނާއަށް ރޭގެ މެޗު ވެގެން ދިޔައީ އުނދަގޫ މެޗަކަށެވެ. މުބާރާތުގެ އެއް ފެވަރިޓުން ކަމަށްވާ ސެނެގާލުން ކުރީކޮޅުގައިވެސް ނުރައްކާ ބޮޑުކުރި އިރު، ޖެކްސަންއާއި ސަޑިއޯ މާނޭ އަދި އިލިމަން އެންޑިއާއަށް ވަނީ ފުރުސަތުތައް ލިބިފައެވެ.

އެޓޭކަކަށްފަހު އެޓޭކެއް އުފައްދަމުން ގޮސް 40 ވަނަ މިނެޓުގައި ޖެކްސަންގެ ގޯލުން ސެނެގާލުން ލީޑު ނެގިއެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅިގައިވެސް އޭނާގެ ގޯލެއް ފެނިގެން ގޮސްފައިވާ އިރު، މެޗު ނިމެން ދަނިކޮށް ސެނެގާލްގެ ތިންވަނަ ގޯލް ޖެހީ އެންޑިއާއޭއެވެ.

ރޭ ގްރޫޕް ސީގައި ޓިއުނީޝިއާއިން ޔުގަންޑާ ކައިރިން 3-1 އިން މޮޅުވި އިރު، ގްރޫޕް ޑީގައި ޑީއާރް ކޮންގޯއިން ވަނީ 1-0 އިން ބެނިން ބަލިކޮށްފައެވެ.