މާލޭ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި، އެ ސަރަހައްދުން ނެގި ގަސްތައް، ހުޅުމާލޭގައި އިންދުމަށް ހަމަޖައްސައިފިއެވެ.
އެޗްޑީސީން ރޭ ބުނީ އެ ކޯޕްރޭޝަނުން މިހާރު ކުރަމުންދާ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ނަގާފައިވާ ރުއްގަސްތައް ހުޅުމާލެ ޗެނަލް ޕާކް ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.
މާލޭގެ ބާޒާރުމަތީގައި ހުރި ގަސްތަކަކީ ހިރުނދު ގަސްތަކެކެވެ. ގިނަ ދުވަސްވީ އެ ހިރުނދު ގަސްތައް، މަގު ހަދަން އެ ސަރަހައްދުން ނެގުމުން އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް ސަރުކާރުކަށް އަމާޒުވިއެވެ.
މީގެ ކުރިން އެމްޑީޕީ ސަރުކާރުގައި ވެސް މާލޭގެ އަމީނީ މަގުގައި ތާރު އަޅަން، އެ މަގުގައި ހުރި ބިޔަ ގަސްތައް ނެގި މައްސަލައިގައި އާންމުން ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. އޭގެ ތެރެއިން ބައެއް ގަސްތައް ފަހުން ވަނީ ހުޅުމާލެ ފޭސް ދޭއްގައި އިންދައިފައެވެ.
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފެށީ މި މަހު ކުރީކޮޅުއެވެ. ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެންގަމްޓުގެ ދަށުން ވަނީ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީމައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި އެ މަގު ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފައެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ