ޖަޕާނުގެ ތަރި ޓަކޫމީ މިނަމީނޯގެ ކަކުލުގެ އެންޓޭރިއޯ ކްރޫޝިއޭޓް ލިގަމެންޓް (އޭސީއެލް)އަށް ގެއްލުންވެ، އަންނަ އަހަރުގެ ވޯލްޑް ކަޕާމެދު ސުވާލު އުފެދިއްޖެއެވެ.

އުމުރުން 30 އަހަރުގެ މިނަމީނޯއަކީ ޖަޕާނުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. އޭނާ ކުރިން ލިވަޕޫލަށްވެސް ކުޅެފައިވާ އިރު، މިވަގުތު ކުޅެމުން ދަނީ ފްރާންސްގެ އޭއެސް މޮނާކޯއަށެވެ.

ކްލަބުން ބުނީ މޮނާކޯއިން އޮޒޭރާއާ ދެކޮޅަށް ކުޅެ، 2-1 އިން މޮޅުވި މެޗުގައި މިނަމީނޯއަށް ސީރިއަސް އަނިޔާއެއް ލިބިފައިވާ ކަމަށެވެ. އެއީ ފްރެންޗް ކަޕް މެޗެކެވެ.

މިނަމީނޯ ސާޖަރީ ކުރި ކަމެއް އަދި ކްލަބުން ޔަގީން ކޮށްދީފައި ނުވާ އިރު، އޭސީއެލް އަނިޔާއަކުން ރަނގަޅުވުމަށް ހަމަހާއި ނުވަ މަހާ ދެމެދުގެ މުއްދަތެއް ނަގާނެއެވެ. އެހެންކަމުން އުތުރު އެމެރިކާ ގައުމުތަކުގައި އަންނަ އަހަރު ޖޫން މަހު ފަށާ ވޯލްޑް ކަޕްގައި މިނަމީނޯއަށް ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ވޯލްޑް ކަޕް 2026 ގައި ޖަޕާން ހިމެނެނީ ގްރޫޕް އެފްގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ނެދަލޭންޑްސްއާއި ޓިއުނީޝިއާ އަދި ޕްލޭ އޮފްއިން މޮޅުވާ ޓީމެކެވެ. އެ ގްރޫޕްގައި ޖަޕާނުން ކުޅޭ ފުރަތަމަ މެޗުގައި ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނާނީ ޖޫން 14 ވަނަ ދުވަހުއެވެ. އެއީ ޑަލަސްގައެވެ.