ލިވަޕޫލުން ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން އެލެކްސެންޑާ އިސާކް ސާޖަރީ ހަދައިފިއެވެ.

ލިވަޕޫލުން 2-1 އިން ޓޮޓެންހަމް ކައިރިން މޮޅުވި މެޗުގައި އިސާކްގެ ކަށިމައްޗަށް އަނިޔާވީ މިކީ ވެން ޑަ ވެން ފައިގައި ޖެހިގެންނެވެ. އެއީ އިސާކް ފޮނުވާލި ބޯޅައެއް ވެން ޑަ ވެން ބްލޮކް ކުރަން އުޅިކޮށް، އޭނާއަށް ލިބުނު އަނިޔާއެކެވެ.

އެ މެޗުން އިސާކް ބާލަން ޖެހިފައިވާ އިރު، ލިވަޕޫލުން ފަހުން ބުނީ އޭނާގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކަށިމަތިން ތަންކޮޅެއް ބިންދައިގެން ގޮސް، އެ ކަށިގަނޑު ރިކަވާ ކުރުމަށް މިހާރު ސާޖަރީއެއް ހަދާފައިވާ ކަމަށެވެ. އެ ބަޔާނުގައި ބުނީ އިސާކް އެނބުރި ކުޅުމަށް އަންނާނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށެވެ.

ލިވަޕޫލްގެ ބަޔާނުގައި އެހެން ބުނެފައިވާ އިރު، ތަޖުރިބާކާރުން ބުނެފައި ވަނީ އިސާކް ހަތެއް ނޫނީ އަށް މަހަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށެވެ.

މި ސީޒަނަށް ލިވަޕޫލުން އިސާކް ގެންދިޔައީ ބްރިޓިޝް ރެކޯޑު، 125 މިލިއަން ޕައުންޑްގެ އަގަކަށެވެ. މިސީޒަނުގެ ކުރީކޮޅުގައިވެސް އޭނާއަށް އަނިޔާތަކަކާ ކުރިމަތިވެފައިވާ އިރު، ބޮޑު އަނިޔާއެއްވުން އެއީ ހާސްކަމެކެވެ.

އުމުރުން 26 އަހަރުގެ ސްވިޑެން ފޯވަޑް އިސާކް ލިވަޕޫލަށް ބަދަލުވުމުގެ ކުރިން ނިއުކާސަލްއަށް ކުޅުނު 86 މެޗުން 54 ގޯލް ޖެހިއެވެ. އެެހެން ނަމަވެސް އަދި އެފޯމުގައި ލިވަޕޫލަށް ކުޅެން ވަނީ އުނދަގޫވެފައެވެ.